ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 09:24
ބޮޑުވަޒީރު މުސްތަފާ މަދްބޫލީ
ބޮޑުވަޒީރު މުސްތަފާ މަދްބޫލީ
ރޮއިޓާސް
މިސުރުގެ އާމްދަނީއާއި އިޤްތިޞާދު
ސަރުކާރު ހިއްސާވާ 14 ކުންފުންޏެއްގެ ހިއްސާ ވިއްކައިގެން މިސްރުން 5.6 ބިލިއަން ޑޮލަރު ހޯދައިފި
މިސްރުން  2026 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 191 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގެނައުމަށް ނިންމާފައިވާކަން މަދުބޫލީ ވަނީ މިދިޔަ ޖުލައި މަހު ހާމަކުރައްވާފައި

ސަރުކާރު ހިއްސާވާ 14 ކުންފުންޏެއްގެ ހިއްސާ ވިއްކައިގެން މިސްރުން 5.6 ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު މަދްބޫލީ ވިދާޅުވީ ސަރުކާރުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާ ގުޅިގެން ސަރުކާރު ހިއްސާވާ 50 ކުންފުންޏެއްގެ ޕްރިލިމިނަރީ ސްޓަޑީތައްވެސް މިހާރު ހަދާފައިވާ ކަމަށެވެ.

އައިއެފްސީން ނިންމާފައި ވަނީ ސަރުކާރު ހިއްސާވާ އެއާޕޯޓުތަކާއި ޓެލެކޮމިއުނިކޭޝަން، ބޭންކްއަދި އިންޝުއަރެންސް މެނޭޖްކޮށް ހިންގުން ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

އަދި ޓެލެކޮމިއުނިކޭޝަން ޕްރޮޖެކްޓްތަކުގެ ތެރޭގައި ބްރޯޑްކާސްޓިން ޓަވަރުތަކާއި ޑޭޓާ ސެންޓަރުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޖީނުގެތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހުށަހަޅައިގެން ފަސް ބިލިއަން ޑޮލަރު ހޯދުމަށް މިސްރު ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި 2022 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 13 ކުންފުންޏެއްގެ ހިއްސާ ހުށަހަޅައިގެން ފަސް ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްޓޭޓް އޯނާޝިޕް ޕޮލިސީ ޑޮކިއުމެންޓްގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ 35 ކުންފުންޏެއްގެ ހިއްސާ ސްޓްރެޓެޖިކް އިންވެސްޓަރުންނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.  މިދިޔަ  ފެބްރުއަރީ މަހު 32 ކުންފުންޏެއްގެ  ލިސްޓެއް އާންމުކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ފަހުކޮޅު އެ ލިސްޓަށް ތިން ކުންފުންޏެއް އިތުރުކުރިއެވެ. އެގޮތުން އެލިސްޓްގައި އީސްޓަން ކޮމްޕެނީ، އަލް އެޒް ޑެކީލާ އަދި ޓެލެކޮމް މިސްރު ހިމެނެއެވެ.

މިސްރުން 2026 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 191 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގެނައުމަށް ނިންމާފައިވާކަން މަދުބޫލީ ވަނީ މިދިޔަ ޖުލައި މަހު ހާމަކުރައްވާފައެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ މާލީ ގޮފިތަކުގެ ތެރޭގައި ހިމެނޭ އައިއެފްސީ އަކީ މިސްރުގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމަށް އެޑްވައިޒަރީގެ ހިދުމަތް ދިނުމަށް މިސްރު ސަރުކާރުގެ އިނިޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ގެ ސްޓްރެޓެޖިކް އެޑްވައިޒަރެއްގެ ގޮތުގައި މިދިޔަ ޖޫން މަހު އައްޔަން ކުރި ޖަމިއްޔާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް