ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 06:00
ނޮޓިންހަމް ފޮރެސްޓުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ
ނޮޓިންހަމް ފޮރެސްޓުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ
ޓްވީޓަރ
ނޮޓިންހަމް ފޮރެސްޓް
އަލް އިއްތިހާދުން ވަކިކުރިން ސަންޓޯ، ނޮޓިންހަމް ފޮރެސްޓާ ހަވާލުވެއްޖެ
އުމުރުން 49 އަހަރުގެ ސަންޓޯ ނޮޓިންހަމް ފޮރެސްޓާ ހަވާލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށް

މިދިޔަ ނޮވެމްބަރު މަހު އަލް އިއްތިހާދުގެ ކޯޗުކަމުން ވަކި ކުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓާ ހަވާލުވެއްޖެ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުގެ ކޯޗުކަމުން އޭނާ ވަކިކޮށްފައި ވަނީ، އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ، ހުސްވެފައިވާ ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ސްޓީވް ކޫޕާ މަގާމުން ވަކިވުމުންނެވެ.

އުމުރުން 49 އަހަރުގެ ސަންޓޯ ނޮޓިންހަމް ފޮރެސްޓާ ހަވާލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. ސަންޓޯގެ އިރުޝާދުގެ ދަށުން ނޮޓިންހަމް ފޮރެސްޓް ކުޅޭނެ ފުރަތަމަ މެޗަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ.

އަލް އިއްތިހާދުގެ ކޯޗުކަމާ ސަންޓޯ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ އޭނާ ވަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިއަހަރުގެ ޖަނަވަރީ މަހު އެ ކުލަބާއެކު ސައުދީ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން މެއި މަހު އޭނާ ވަނީ އެ ކުލަބަށް ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްދީފަ އެވެ. މިއީ 14 އަހަރުގެ ތެރޭގައި އެ ކުލަބަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެ ކާމިޔާބީތަކާ އެކު ވެސް، މި ސީޒަންގައި ސަންޓޯ އަށް ނަތީޖާ ނުނެރެވޭތީ, ކުލަބުން ނިންމީ އޭނާ ވަކި ކުރުމަށެވެ.

ސަންޓޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2012 ވަނަ އަހަރު ޕޯޗުގަލްގެ ރިވޯ އޭވް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ވެލެންސިއާ، ޕޯޓޯ، ވުލްވްސް އަދި ޓޮޓެންހަމަށް ވެސް އިރުޝާދު ދީފަ އެވެ.

- ކޮމެންޓް