ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 13:53
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު
މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު
ރާއްޖެއެމްވީ
72 ކިލޯ ޑްރަގް ކޭސް
އިރުފާން ބަންދުނުކުރަން ނިންމީ ރަނގަޅަށް: ހައިކޯޓު
 
ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައި

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށްކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

އިރުފާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލީ، އޭނާ ބަންދުކުރި ޙާލަތު ބަދަލުވިކަން ނުވަތަ ނޫންކަން ރަނގަޅަށް ތަފްސީލު ނުކޮށްކަަމަށް ހައިކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައި ވަނީ ބަންދު މުރާޖައާކޮށް ނިންމި ގޮތާއި، ކޯޓު އަމުރު ބާތިލުކޮށް، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށެވެ.

އެގޮތުގެ މަތިން ދައުލަތުން ހުށައެޅުމުން 23 ނޮވެމްބަރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ވަނީ އިރުފާން ބަންދުކުރިއިރު ހުރި ޙާލަތު މިހާރު ބަަދަލުވެފައިވާކަން ސަބަބުތަކާއެކު ބަޔާން ކުރައްވައި، އޭނާ ބަންދު ކުރެވެން ނެތްކަމަށް ނިންމަވާފައެވެ.

ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އަނެއްކާވެސް ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ނިންމުމަކީ ޝަހީބް އިބްރާހިމްގެ ގަޒިއްޔާގައި ސުޕްރީމް ކޯޓުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފައެވެ.

ބުދަ ދުވަހު އެ މައްސަލައިގެ ޙުކުމް ކުރައްވާފައިވާއިރު، މަތީ މަރުޙަލާގެ މީގެ ކުރީގެ ނިންމުންތަކަށް އަލިއަޅުވާލައްވައި ފަނޑިޔާރުން ވިދާޅުވީ، މުޖުތަމަޢުގެ ސަމާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި މީހަކު ބަންދުކޮށްފައިވަނިކޮށް ބަންދަށް ލުޔެއް ދިނުމުގައި އެ ޙާލަތު ބަދަލުވެފައިވާ ގޮތް ނުވަތަ އެފަދަ ފަރާތެއްގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަވެފައިވާކަމަށް ދެކޭނަމަ އެގޮތެއް ބަޔާންކޮށްދިނުމަށްފަހު ބަންދަން ލުޔެއް ދެވިދާނެކަން އެނގެން އޮންނަ ކަމަށެވެ.

ވުމާއެކު، ބަންދު ރިވިއު ކުރުމަށް ބޭއްވޭ އަޑުއެހުމެއްގައި އެފަދަ ހާލަތެއް އޮތްކަމަށް ފަނޑިޔާރަށް ފެނިވަޑައިގެން، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭ ޟަރޫރަތްތެރިކަން އެކަމުގެ ސަބަބުން ކުޑަވާކަމަށް ފެންނަ އެކަށީގެންވާ ސަބަބުތަކާއި ތަފްސީލުތައް ދީފައިވާނަމަ، އެއީ ފަނޑިޔާރަށް ލިބގެންވާ ބާރުތަކާއި އިޚްތިޔާރުގެ ތެރެއިން މަތީ މަރުޙަލާގެ ޤަޟިއްޔާތަކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ނެރެފައިވާ އަމުރެއްކަމުގައި ދެކިވަޑައިގަންނަވާކަމަށްވެސް ފަނޑިޔާރުން ނިންމެވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ބުދަ ދުވަހު ނިންމަވާފައިވަނީ ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތެއް މި މައްސަލައިގައި ދައުލަތަށް ބަޔާންކޮށްދެވިފައިވާކަމަށް ނުބެލެވޭކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް