ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖިރޯނާ އިން އަނެއްކާ ވެސް އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި އަންގާރަ ދުވަހުގެ ރޭ ޖިރޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ނިކުތްއިރު އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއީ ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަކޮށްގެން އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތުގައި ޖިރޯނާ އިން ވަނީ 3-0 އިން އަލަވޭސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ޖިރޯނާ އަށް ލީޑު ނަގައިދިނީ އާޓެމް ޑޮބީކް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް، އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޕޯޓޫ އެވެ. އޭނާ އެ ލަނޑު ޖެހީ ޔަން ކޯޓޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެ ޓީމުގެ ފަހު ލަނޑު ދެ ވަނަ ހާފުގައި ޖެހީ ވެސް ޑޮބީކް އެވެ. 59 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.
މޮޅާއެކު ޖިރޯނާ އިން ވަނީ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ ލީގުގައި މިހާާތަނަށް ކުޅުނު 17 މެޗުން 44 ޕޮއިންޓު ހޯދައިގެންނެވެ. ޖިރޯނާގެ ފަހަތުން ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 42 ޕޮއިންޓެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއްް ނެރެމުން އަންނަ އެއް ޓީމަކީ ވެސް ޖިރޯނާ އެވެ.