މ.އަތޮޅު ދިއްގަރު ފަޅު ހިއްކައިގެން ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ހަވާލުކޮށްފި ކޮށްފިއެވެ.
ދިއްގަރު ކައުންސިލުން މިމަސައްކަތް ހަވާލުކުރީ ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫއުގެ ދަށުން ދިއްގަރު ފަޅުން 10 ހެކްޓަރު ހިއްކާ 150 ކޮޓަރި އަޅާނެއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 30 މަސްދުވަހެވެ. މިމަޝްރޫއާއެކު ފްލެކްސިންގ ޕްރައިވެޓް ލިމިޓެޑްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިއްގަރު ފަޅުގައި ޕިކްނިކް އައިލެންޑެއްވެސް ތަރައްގީ ކުރާނެއެވެ.
މިމަޝްރޫއާ ގުޅޭގޮތުން ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ މިފުރުސަތު ތަނަވަސްވެގެން ދިޔައީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން ކަމަށެވެ. އަދި މިއީ ކައުންސިލް ބާރުވެރިކުރުވުމަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ކަމަށް ނިޝާން ފާހަގަކުރެއްވިއެވެ.
ނިޝާން ވިދާޅުވީ މައިގަނޑު އަމާޒަކީ ދިއްގަރު ރައްޔިތުން ބޭނުންވާ ގޮތަށް ރަށް ތަރައްގީ ކުރުން ކަމަށެވެ. މި ތަރައްގީކުރެވޭ ޓޫރިޒަމް ޒޯނާއެކު ކައުންސިލްގެ ބަޖެޓަށް ކުރިއަށް އޮތްތަނުގައި އަހަރެއްގެ މައްޗަށް 12 މިލިއަން ރުފިޔާ ވަންނާނެ ކަމަށާއި، އެއީ ރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިއްގަރުގައި މިވަގުތު 150 އަށްވުރެ މީހުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކަމަށާއި، ރަށާއި ދުރުގައި ޚިދުމަތް ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ރަށާ ކައިރިން ނުވަތަ ރަށުގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެގޮތުން ދިއްގަރުގެ ބަޖެޓް އެބަޖެހޭ ބޮޑުވާން. ރަނގަޅު އާމްދަނީއެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އަހަރެއްގެ މައްޗަށް ތިންލައްކަ ރުފިޔާ ވެސް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ނުވަދެ, މިއީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. އިރާދަކުރެއްވިއްޔާ މި ޓޫރިޒަމް ޒޯން ތަރައްޤީވެގެން ދިޔައީމަ ކައުންސިލްގެ ބަޖެޓަށް ކުރިއަށް އޮތްތަނުގައި އަހަރެއްގެ މައްޗަށް 12 މިލިއަން ވަދެގެން ދާނެ. އެއީ ވަރަށްބޮޑު ކުރިއެރުމަކަށް ދާނެ. ކައުންސިލް ކައުންސިލްގެ ގޮތުގައި އަމިއްލަ ފައިމައްޗަށް ތެދުވެ, ރަށުގެ ރައްޔިތުން ބޭނުންވާ މުހިއްމު ކަންކަން ކައުންސިލަށް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ. މިދައުރުގައި މިކަން ހާސިލް ނުވިޔަސް, ކުރިއަށް އޮތް ދައުރުތަކުގައި އަންނަ ބޭފުޅުންނަސް މީގެ ނަތީޖާ ހާސިލްވާނެ.ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން
ފްލެކްސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ނަޖާހު ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނުން އަދި ބާރު ލިބުނަސް ކައުންސިލްތަކަށް މިފަދަ މަޝްރޫއުތައް ހިންގާ ކާމިޔާބު ހޯދޭނީ އެފަދަ ވިސްނުމުގައި މަސައްކަތްކުރާ ކައުންސިލްތަކަށް ކަމަށެވެ. އަދި ދިއްގަރު ކައުންސިލްގެ މި އިސްނެގުމާމެދު އުފާކުރާ ކަމަށާއި، މިއީ އިންޓަރގްރޭޓެޑް މަޝްރޫއެއް ކަމުން ޒުވާނުންނާއި ކައިރިން މަސައްކަތް ކުރާނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ފަޅު ހިއްކަން ބޭނުންވާ ސާމާނު މިހާރުވެސް ހުރީ ތައްޔާރަށް ކަމަށާއި، މާގިނަ ދުވަސްތަކެއް ނުވެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.