ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 18:59
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ތިލަދުން
ކުޅުދުއްފުށިން ފައިލޭރިއާ ފެނުން
ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވި 17 މީހުންގެ އިތުރަށް އެއްވެސް މީހަކު ޕްޒިޓިވްވެފައިނުވޭ
ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން
ސިޓީގެ އާއްމު ހާލަތު ރަނގަޅު
ގިނަ އަދަދެއްގެ އިތުރު ބިދޭސީން ސްކްރީން ކުރެވިފައިވޭ

ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވް 17 މީހުންގެ އިތުރަށް އެއްވެސް މީހަކު ޕްޒިޓިވްވެފައިނުވާ ކަމަށް ކުޅުދުއްފުށި ސިޓީގެ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީ މަސައްކަތްތެރިންނަށް ފަރުވާ ދެމުންދާ ކަމަށާއި، އެމީހުންނާއި ކައިރީގަ އުޅުނު މީހުންގެ ޓެސްޓުތައް ހަދަމުންދާ ކަމަށެވެ. އެ ސިޓީގައި ދިރިއުޅޭ ގިނަ އަދަދެއްގެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ އިތުރު ބަޔަކު އަދި ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށެވެ. އަދި ރަށުގެ އާއްމު ރައްޔިތުން ފައިލޭރިއާއަށް ސްކްރީން ކުރުމުގެ މަސައްކަތް ވެސް ފަހުން ކުރާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލައި، ކާނުތަކަށް ބޭސް އެޅުމާއި، ފޮގް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފައިލޭރިއާއަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ބަލީގެ ހާލަތު އެހައި ގޯސްނޫން ކަމަށާއި، ސިޓީގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ. އަދި ފައިލޭރިއާއަކީ މީގެ ކުރިން ނައްތާލެވިފައިވާ ބައްޔަކަށްވާއިރު، ގިނަ ބަޔަކަށް މިބަލި އެނގޭ ކަމަށެވެ.

ފައިލޭރިއާ ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެ ބަލިޖެހިފައިވާ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ސަރަހައްދުތަކުން އައިސްފައިވާ ބައެއް ކަމަށެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިންނެވެ.

ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.

- ކޮމެންޓް