ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 09:15
މުއިއްޒުގެ ކެމްޕޭންގައި ބޮޑުކޮށް ޔާމީންގެ ފޮޓޯ ޖަހާފައި
މުއިއްޒުގެ ކެމްޕޭންގައި ބޮޑުކޮށް ޔާމީންގެ ފޮޓޯ ޖަހާފައި
ޕީޕީއެމް
ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ ފޮޓޯފުޅާ ނުލައި ރައީސް މުއިއްޒަށް 500 ވޯޓު ވެސް ނުލިބުނީސް: މަލީޙު
 
މަލީހް ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މަހެއް ވެގެން ދިޔައި އިރު، ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ރައީސް މުއިއްޒު ނިދިކުރައްވަނީ ކިހިނެތްތޯ ސުވާލު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާ ނުލައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް 500 ވޯޓު ވެސް ނުލިބޭނެ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު އަދި ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ފޮޓޯފުޅާ ނުލައި 500 ވޯޓު ވެސް ހޯދުމުގެ ގާބިލްކަމެއް ނެތް ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ ރައީސް މުއިއްޒާއި ޔާމީނަކީ އެކުގައި މަސައްކަތް ކުރެއްވި، އެކުގައި ޙައްޖަށް ވެސް ވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.

އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި އެ ޕާޓީގެ މެންބަރުންގެ އެހީގައި ކަމަށާއި، ރައީސް މުއިއްޒަށް ޔާމީންގެ ފޮޓޯފުޅު ނުދައްކަވައި 500 ވޯޓު ވެސް ނުލިބޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ފޮޓޯއާއި ނުލާ ޑރ.މުއިއްޒަށް މިޤައުމުން 500 ވޯޓު ހޯދުމުގެ ކެޕޭސިޓީ ނެތް
މުޙައްމަދު މަލީހު ޖަމާލު

މަލީހު ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މަހެއް ވެގެން ދިޔައި އިރު، ރައީސް ޔާމީން ޖަލުގައި ބާއްވަވައިގެން ރައީސް މުއިއްޒު ނިދިކުރައްވަނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުއަކީ ވަރަށް ރަހުމް ކުޑަ، އަނިޔާވެރި އަދި ޝުކުރުވެރިވާން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށެވެ.

ހާދަހާ ރަހުމް ކުޑައޭ. ހާދަހާ އަނިޔާވެރިއޭ. ހާދަހާ ޝުކުރުވެރިވާން ނޭނގެއޭ
މުޙައްމަދު މަލީހު ޖަމާލު

މަލީހު ވަނީ ފަޅި ސިކުންތަކަށް ވިޔަސް ރައީސް ޔާމީން މިނިވަންކުރައްވައި ނުވަތަ ދެވެން އޮތް ލުޔެއް ދެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

މަލީހު އެފަދައިން ވިދާޅުވި އިރު، ވެރިކަމުގެ ފުރަތަމަ ދުވަހުގައި ރައީސް ޔަމީން ޖަލުން މިނިވަންކުރައްވާނެ ކަމަށް ރައީސް މުއިއްޒު ދިޔައީ ވިދާޅުވަމުންނެވެ. އެގޮތުން ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނީ އެކަން ކަމުގައި ރައީސް ޔާމީންގެ ފޮޓޯފުޅުގެ ނިވަލުގައި ހުންނަވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު އޭރު ދިޔައީ ވިދާޅުވަމުންނެވެ. އެހެން ނަމަވެސް، މިއަދު ސަރުކާރުގައި އެކަމާ ގުޅޭ ސުވާލުކުރުމުން މާ އެދެވޭ ޖަވާބެއް ނުލިބެއެވެ.

ރައީސް މުއިއްޒު އޭރު އެފަދައިން ވިދާޅުވަމުން ދިޔައިރު، އެމަނިކުފާނުގެ ކެމްޕޭނުގެ ޕޯސްޓަރުތަކުގައި ބޮޑުކޮށް ހުންނަނީ ރައީސް ޔާމީނުގެ ފޮޓޯ ފުޅެވެ. ބައެއް ޕޯސްޓަރުތަކުގައި ރައީސް ޔާމީން ގިނިކަންޏާ ހުންނެވި އިރު، ދެން ހުރި ގިނަ ޕޯސްޓަރުތަކުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފު ހުންނެވިއެވެ.

ކޮމެންޓް