ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. މާވަށު ދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރީކޯ މޫސާ މަނިކު އިއުލާނު ކުރައްވައިފި އެވެ.
މިކަމާއިގުޅޭގޮތުން ރާއްޖެއެމްވީއަށް ރީކޯ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ކަމަށާއި، ލ.އަތޮޅަށް ޚިދުމަތް ކުރައްވަން ބޭނުންވާ ކަމަށެވެ. ރިކޯ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ތަރައްގީތައް އަންނައިރު، ލ.އަތޮޅުގައި ބިން ބޮޑު ނަމަވެސް އެކަށީގެންވާ ވަރަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ނާންނަ ކަމަށާއި، ވަރަށް ބޮޑަށް އެކަހެރިވެފައިވާ ކަމަށެވެ.
އެހެންކަމުން ލ.އަތޮޅުގެ ތަރައްގީއަށް ރައްޔިތުން މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދޭން ބޭނުންވާ ކަމަށް ރީކޯ ވިދާޅުވިއެވެ.
މީގެ އިތުރުން ރީކޯ ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތް ދަމަހައްޓަން އެބަޖެހޭ ކަމަށާއި، ގާނޫނު އަސާސީން ރައްޔިތުންނަށް ހޯދައިދިން ހައްގުތައް ދަމަހައްޓަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ވެރިއަކު ބޭނުންވާ ގޮތަށް އެހައްގުތައް ހަނިކުރުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށާއި، ވެރިއަކު ބޭނުންވާ ބަޔަކަށް ކަންކަން ކޮށްދޭ މަންޒަރު ކަމަށް ރީކޯ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ރީކޯ ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު އެވެ. އެއީ ލ. އަތޮޅު މެންބަރެއްގެ ގޮތުގަ އެވެ. އޭރު ދާއިރާތައް ބަހާފައެއް ނޯވެ އެވެ. މޫސައާ އެކު އެފަހަރު ލ. އަތޮޅަށް ދެން ހޮވިވަޑައިގެންނެވީ އިލްޔާސް އިބްރާހީމް އެވެ. އޭގެފަހުން ހުންނެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ. އަދި މަޖިލީހުގައި ނައިބު ރައީސްކަން ރީކޯ ކުރެއްވިއެވެ.