ސްޕޭނުގެ މަޝްހޫރު ކުލަބު އެތްލެޓިކޯ މެޑްރިޑް ވިއްކާނުލާން ނިންމައިފި އެވެ.
އެތްލެޓިކޯ ގަތުމަށް މަސައްކަތް ކުރީ އެމެރިކާގެ މަހުޖަނެއް ކަމަށްވާ ސްޓެފަން ރޯސް އެވެ. އޭނާގެ މިލްކިއްޔާތުގައި 10.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ނަމަވެސް އެތްލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވަނީ ކުލަބު ވިއްކާނުލާނެ ކަމުގެ ޔަގީން ސަޕޯޓަރުންނަށް ދީފަ އެވެ. އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ކުރިން ސަޕޯޓަރުންނާ ވާހަކަ ދައްކަމުންނެވެ.
ސެރޭޒޯ ބުނީ އެތްލެޓިކޯ އޮތީ މާލީ ގޮތުން ފުދޭ މިންވަރެއްގައި ކަމަށާއި ކުލަބު ވިއްކާލަންޖެހޭ ސަބަބެއް މިވަގުތު ހިންގާ ކޮމިޓީ އަށް ހޯދިފައިނުވާ ކަމަށެވެ.
ނަމަވެސް މިއީ ސްޜެފަން ރޯސްއާ މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއްކަން ނުވަތަ ނޫންކަން މިހާރުގެ ރައީސް ސާފެއް ނުކޮށްދެ އެވެ. ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސްޓެފަން ރޯސްގެ ހުށަހެޅުން ލިބުމާއެކު ކުލަބު ވިއްކާލަން ކުލަބުގެ ބައެއް މެމްބަރުން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް މިކަމަށް ބައެއް ސަޕޯޓަރުން ވަނީ ދެކޮޅު ހަދައިފަ އެވެ.