ޒަކާތުގެ ކަންކަމާއި ގުޅޭގޮތުން ސަރުކާރުން ދެއްކި ވާހަކަތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަރ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ޒަކާތާ ގުޅޭ ކަންކަން މިހާރު އިންތިޒާމުކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ޑިޕާޓްމަންޓެއްގެ ދަށުން ކަމަށެވެ. މި ނިންމުމާ އެކު އެ ޑިޕާޓްމަންޓް ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރެވިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބޭނުންކުރަމުން އަންނަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި ކަމަށާއި މި އިދާރާ ގާއިމްކުރުމުން ހައްލެއް ލިބޭނެ ކަމަށެވެ.
މިވާހަކަތަކަށް ރައްދުދެއްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ރާއްޖެއެމްވީއަށް ވިދާޅުވީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބޭނުންކުރަނީ ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި ކަމަށް ފިރުޒުލް ވިދާޅުވުމަކީ ހައްދަވާ އިތުރުފުޅެއް ކަމަށެވެ. އަދި ޒަކާތުގެ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްފައިވާނީ ވަރަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ޚާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.
ފަގީރުންގެ ހާލަތު ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން 'ޒަކާތު ނަފާ' ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ޕްރޮގްރާމްގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް، އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީއެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފްވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއި އިގްތިސާދީ ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކޮށްފައިވާ ކަަމަށް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށެވެ.
މީގެ އިތުރުން ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމުން ހަރަދު ވަރަށް ބޮޑުވާނެ ކަމަށާއި މިދަނޑިވާޅުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށެވެ. ޒަކާތުގެ ފައިސާއިން އޮފީސް ހިންގާނަމަ، ފަގީރުންނަށް ލިބޭ ފައިސާ މަދުވާނެ ކަމަށް ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޒަކާތު ފަންޑަށް މިހާރު ލިބޭ މިންވަރު ދެނުގަނަ އިތުރު ކުރުމަށް އެ އިދާރާ އިން ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޒަކާތް ދައްކާ މީހުން ވެސް އިތުރުކޮށް، އޭގެ ނަފާ ޒަކާތް ހައްގުވާ މީހުންނަށް ހޯދައިދޭނެ ކަމަށެވެ.