ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 10:48
މެޗުގައި ލަނޑު ޖެހުމަށްފަހު ޖިރޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޖިރޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ޖިރޯނާ އިން ބާސެލޯނާ ބަލިކޮށްފި، އަލުން އެއް ވަނަ އަށް
މި ސީޒަންގެ ސްޕެނިޝް ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ޖިރޯނާ އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދީ 4-2 އިން

ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖިރޯނާ އިން އަލުން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލުކުރިއިރު، ޖިރޯނާ އޮތީ ދެ ވަނައިގައެވެ. ބާސެލޯނާ އޮތީ ތިން ވަނައިގައެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ޖިރޯނާ އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދީ 4-2 އިންނެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އާޓެމް ޑޮވްބީކްއެވެ. އޭގެ ހަތް މިނެޓު ފަހުން ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިރޯނާ އިން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގައިފައެވެ. އިވާން މާޓިން ތަނަވަސްކޮށްދިން ފުރުސަތެއްގައި މިގޭލް ގުޓިއެރޭޒް ލަނޑު ޖެހީ 40 ވަނަ މިނެޓުގައެވެ.

ދެ ވަނަ ހާފުގައި ޖިރޯނާ އިން އިތުރަށް ލީޑު ފުޅާކުރީ 80 ވަނަ މިނެޓުގައި ވަލޭރީ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކްރިސްޓިއަން ސްޓުއާނީއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ފެރާން ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިލްކާއީ ގުންޑޮގާން ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ސްޓުއާނީ ވަނީ ޖިރޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިފައެވެ.

މިއީ މި ސީޒަންގެ ލީގުގައި ބާސެލޯނާގެ ދެ ވަނަ ބައްޔެވެ. ބައްޔާއެކު އެ ޓީމު ވަނީ ހަތަރު ވަނަ އަށް ވެއްޓިފައެވެ. އެއީ މިހާތަނަށް ކުޅުނު 16 މެޗުން 34 ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް ހަމަ އެ އަދަދަށް ޕޮއިންޓު ލިބޭއިރު، ފައިދާ ލަނޑުން އެ ޓީމު ކުރި ހޯދައެވެ. މޮޅާއެކު ޖިރޯނާ ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފައެވެ. އެއީ 16 މެޗުން 41 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 39 ޕޮއިންޓެވެ.

- ކޮމެންޓް