ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 17:12
ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
ރޮއިޓާސް
ޣައްޒާއަށް ހަމަލާދިނުމަށް އެމެރިކާ ތާއީދުކުރުން
"ޣައްޒާގެ ރައްޔިތުންގެ ލޭ އޮހޮރުވުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭ"
 
އެމެރިކާއަކީ އުދުވާނީ ހަމަލާތަކަށް ހިތްވަރުދޭ، އެކަންތައްތަކަށް އެއްބާރުލުންދޭ ގައުމެއްކަމަށް ފަލަސްތީންގެ ރައީސް ވިދާޅުވި
 
ހަމަލާތައް ހުއްޓާލައިފިނަމަ ހަމާސްއަށް އަނެއްކާވެސް އިތުރު ހަނގުރާމައެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމެރިކާއިން ބުނޭ
 
ގަރާރު ވީޓޯކުރަމުން އެމެރިކާއިން ބުނީ ފަލަސްތީނާއި އިސްރާއީލަށް ސުލްހަ ގެނައުމަށް ތާއީދުކުރާކަމަށާއި ނަމަވެސް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ތާއީދުނުކުރާކަމަށް

ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކުރުމާއެކު، ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ލޭ އޮހޮރުވުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

ފަލަސްތީންގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާއަކީ އުދުވާނީ ހަމަލާތަކަށް ހިތްވަރުދޭ، އެކަންތައްތަކަށް އެއްބާރުލުންދޭ އަދި ހުރިހާ އިންސާނީ އުޞޫލުތަކާއި އަގުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވަމުންދާގޮތެއްގައި ސިފަކުރައްވާފައެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ލޭ އޮހޮރުވުމުގައި އެމެރިކާއިން ބައިވެރިވާކަމަށާއި އެކަމުގެ ޒިންމާ އެގައުމުން ނަގަން ޖެހޭނެ ކަމަށް ފަލަސްތީންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އިސްރާއިލުން ޣައްޒާއާށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ހުށަހެޅި ގަރާރު އެމެރިކާއިން ވަނީ ވީޓީކޮށްފައެވެ. މިގަރާރަށް ސަލާމަތީ މަޖިލީހުގެ 13 މެމްބަރު ގައުމުން ތާއީދުކުރިއިރު ވަކި ކޮޅަކަށް ވޯޓު ނުދެނީ އިނގިރޭސިވިލާތެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިސްރާއީލުން އަންނަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް 7 ދުވަސް ފިޔަވައި އިސްރާއީލުން އަންނަނީ ޣައްޒާގައި އިންސާނިއްޔަތާ ޚިލާފު އެތައް އަމަލެއް ހިންގަމުންނެވެ. މިއިން އެއްވެސް ކަމެއް ހުއްޓުވުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވާ މައިގަނޑު ސަބަބަކީ، އެމެރިކާއިން އިސްރާއީލަށް ދެމުން އަންނަ ހިފެހެއްޓުމެއް ނެތް ތާއީދެވެ.

ގަރާރު ވީޓޯކުރަމުން އދ.ށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ޑެޕިއުޓީ އެމްބެސެޑަރ ރޮބަރޓް ވުޑް ބުނީ، އެމެރިކާއިން ފަލަސްތީނާއި އިސްރާއީލަށް ސުލްހަ ގެނައުމަށް ތާއީދުކުރާކަމަށާއި ނަމަވެސް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ތާއީދުނުކުރާކަމަށެވެ. އޭގެ ސަބަބެއްކަމަށް ރޮބަރޓް ވުޑް ބުނީ، ހަމަލާތައް ހުއްޓާލައިފިނަމަ ހަމާސްއަށް އަނެއްކާވެސް އިތުރު ހަނގުރާމައެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، ފަލަސްތީނުގެ ބިމުގައި އިސްރާއީލާއި ފަލަސްތީނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް ހަމާސް ބޭނުންނުވާކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ، އެކަމުގެ ސަބަބުން ފައިދާވާނީ ހަމާސްއަށެވެ. އެމެރިކާއިން ތާއީދުކުރަނީ ހަމަލާ ދިނުން ވަގުތީ ގޮތުން ހުއްޓާލައި، އާންމުން ސަލާމަތްކޮށް، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ގެންދިޔަ އަސީރުން މިނިވަންކުރުމަށެވެ. ނަމަވެސް މިހާތަނަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގައި މަރުވި އާންމުންގެ އަދަދު ވަނީ އިންތިހާއަށް މަތިވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު ވަނީ 17،000ށްވުރެ މައްޗަށް އަރާފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަނެއްކޮޅުން 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ 80 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ ޣައްޒާގެ އާންމުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށެވެ. ޣައްޒާގެ އެއްވެސް ތަނެއް އާންމުންނަށް އަމާން ތަނަކަށް ނުވާއިރު، އިސްރާއީލުން އަންނަނީ މުޅި ޣައްޒާއަށް އަމާޒުކޮށް ހަމަލާދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް