އިންޑިޔާގެ ސްޕައިޑަރމޭންގެ ނަމުން މަޝްހޫރުވެފައިވާ ގޯލްކީޕަރު ޝުބްރަތާ ޕައުލް ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 37 އަހަރުގައި އޭނާ ކުޅުން ހުއްޓާލިއިރު ވަނީ ގައުމީ ޓީމަށް 67 މެޗު ކުޅެދީ، 6 ތަށި ހޯދައިދީފައެވެ. އެއީ 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕާއި، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި، 2017 ވަނަ އަހަރުގެ ޓްރައި ނޭޝަންސް ކަޕުގެ އިތުރުން، 2007، 2009 އަދި 2012 ވަނަ އަހަރުގެ ނެހުރޫ ކަޕެވެ.
ގިނަ ދިވެހީންނަށް ޝުބްރަތާ ޕައުލް ގިނަ ބަޔަކު ދަންނަނީ، 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާގެ ގޯލް ބެލެހެއްޓި އިސްކޮޅުން ދިގު ކީޕަރުގެ ގޮތުގައެވެ. ރާއްޖޭގެ މުޚްތާރު ނަޞީރު (ޓޫކިލޯ) މެޗު ނިމިނިމި އޮއްވައި ގޯލު ޖަހައިގެން ރާއްޖެ ތަށި ހޯދީ ތަޖުރިބާކާރު އަދި އިސްކޮޅުން ދިގު މި ކީޕަރު ގޯލުގައި ހުއްޓައެވެ. އެ މެޗަށްފަހު އޭނާ ރާއްޖެ އައީ އިންޑިޔާގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗަކަށް އެކަންޏެވެ.
އޭނާއަށް ސްޕައިޑަރމޭންގެ ނަމުން މުޚާޠަބުކުރަނީ 2012 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ގްރޫޕް ސްޓޭޖުގައި އިންޑިޔާ ކުޅުނު ތިން މެޗު ކަމަށްވާ؛ އޮސްޓްރޭލިޔާއާއި ބަހުރޭން އަދި ސައުތު ކޮރެޔާއާ ކުޅެ ބަލިވިއިރު އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ކޮރެޔާ މެޗުގައި ކުރި 16 ސޭވް ހިމެނެއެވެ. އިންޑިޔާގެ މޯހަން ބަގާންއިން ކެރިއަރު ފެށި ޝުބްރަތާ ޕައުލްއަކީ ޔޫރަޕުގެ ކުލަބަކަށް ދިޔަ އިންޑިޔާގެ ފުރަތަމަ ކީޕަރެވެ. ނަމަވެސް ޑެންމާކް ލީގުގައި ކުޅެން ލިބޭ ފުރުސަތު މަދުވުމުން އެނބުރި އައީއެވެ.
އޭނާ ވަނީ، އިންޑިޔާގައި ދޭ ދެވަނައަށް އެންމެ މަތީ އެވޯޑް ކަމަށްވާ އަރްޖުނާ އެވޯޑް 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ. އޭނާއަކީ މިއެވޯޑް ލިބުނު 24 ވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ޝުބްރަތާ ޕައުލްއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ހުއްޓާނުލައި ކުޅެމުން އައި އެއް ކުޅުންތެރިޔާއެވެ. އަނެއް ކުޅުންތެރިއަކީ އިންޑިޔާގެ ކެޕްޓަން 38 އަހަރުގެ ސުނިލް ޗެތުރީއެވެ.