ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 07:51
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ރާއްޖެއެމްވީ
ޖޭއެސްސީ
ޖޭއެސްސީއަށް ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢަލީ ޢަބްދުއްލަޠީފު އިންތިޚާބުކޮށްފި
އޭނާ އިންތިޚާބުކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 275 ވަކީލުން
ޤާނޫނީ ވަކީލުންގެ ތެރެއިން 443 ފަރާތަކުން މި އިންތިޚާބުގައި ވޯޓުލާފައިވޭ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ޢަލީ ޢަބްދުއްލަޠީފު އިންތިޚާބުކޮށްފިއެވެ.

ޖޭއެސްސީއަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް 'ފަހި ވޯޓު' މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންތިޚާބު ބާއްވާފައެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ހަމަވެ، ވާދަކޮށްފައިވަނީ އެންމެ ކެންޑިޑޭޓެކެވެ. އަދި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ 659 ޤާނޫނީ ވަކީލުންގެ ތެރެއިން 443 ފަރާތަކުން މި އިންތިޚާބުގައި ވޯޓުލާފައިވެއެވެ. ވޯޓުގެ އަޣުލަބިއްޔަތުން، އެ ކޮމިޝަނަށް އިންތިޚާބުވެފައިވަނީ ގއ. ވިލިނގިލި، ބީޗްހައުސް، ޢަލީ ޢަބްދުއްލަޠީފެވެ.

އޭނާ އިންތިޚާބުކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 275 ވަކީލުންނެވެ. އަދި ނުފެންނަ ކަމަށް 168 ވަކީލުން ވަނީ ވޯޓު ދީފައެވެ. ޖުމްލަ 443 މީހަކު ވޯޓު ދިން އިރު 216 މީހަކު ވޯޓު ނުލައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 4:00ން 6:00ގެ ނިޔަލަށެވެ.

މި އިންތިޚާބަކީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އަލުން އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްފައިވާ ވޯޓެކެވެ.  

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުވާ ޤާނޫނީ ވަކީލު މަޤާމުގެ މަސްއޫލިއްޔަތާ ޙަވާލުވާނީ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހުއެވެ.

- ކޮމެންޓް