މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ މިހާރު ދުބާއީގައި ކުރިއަށްދާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަަކާއި ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުން، ނުވަތަ ކޮޕް28ގެ ހަވާސާގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް (ސީއެސްއާރްއައި) ގެ ދަށުން ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސީއެސްއާރްއައި އިނީޝިއޭޓިވްއަކީ ރާއްޖެ އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި މިކަމަށް އެޑަޕްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ބޭނުންވާ އެހީ ހޯދާ ތަފާތު ޕްރޮގްރާމްތައް ހިންގުމެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރެވޭ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ، ފެނުގެ ޔަޤީންކަން ކަށަވަރު ކުރުމަށް މަޝްރޫޢުތަކެއް ހިންގުމަށް އެހީ ހޯދުމެވެ. ސީއެސްއާރުއައި ޕްރޮގްރާމަކީ ޖަރުމަނު ސަރުކާރުގެ ތަރައްޤީއަށް އެހީވެދޭ އޭޖެންސީ، ޖީ.އައި.ޒެޑް އަދި ގްރީން ކުލައިމެޓް ފަންޑާއި ގުޅިގެން ހިންގޭ ޕްރޮގްރާމެކެވެ.
މި ބައްދަލުވުމުގައި ސަމޯއާގެ މިނިސްޓަރ ފޯ ނެޗުރަލް ރިސޯސަސް އެންޑް އެންވާރަމަންޓް ޓޯލްސުލުސުލު ސެޑްރިކް ޝޫސްޓަރ ވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަމާއި އަދި މި މަސައްކަތުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ފައިދާގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މިބައްދަލުވުމުގައި ޖީއައިޒެޑްގެ ޑިރެކްޓަރ ކާޓްޔާ ކެމެރަރ ވަނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިންގާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ. އަދި ގްރީން ކްލައިމެޓް ފަންޑްގެ ޑިރެކްޓަރ ފޮ ކަންޓްރީ ޕްރޮގްރާމިންގ ޑިވިޝަންގެ ފަރާތުން ވެސް ވަނީ ވާހަކަ ފުޅުދައްކަވާ، އެ ފަންޑާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ދެއްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި، ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުން ސީއެސްއާރުގައި ބައިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ޠާރިޤް ވަނީ އިލްތިމާސް ކުރައްވާފައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ އެހެނިހެން ޤައުމުތަކުގެ މަންދޫބުންނާއި އަދި މަދަނީ ޖަމާޢަތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.