ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ކުރިއަށް އޮތް ތަނުގައި ވެސް އެ ކުލަބުގައި ހުންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
އެތުލެޓިކޯގައި ހުރުމަށްފަހު ފެލިކްސް ބާސެލޯނާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އެ އެއްބަސްވުމުގައި ދާއިމީ ގޮތެއްގައި އޭނާ ހޯދޭނެ މާއްދާ ހިމަނައިފައެއް ނުވެ އެވެ. އެއީ ބާސެލޯނާގެ މާލީ ޙާލަތުގެ ސަބަބުންނެވެ.
ބާސެލޯނާގައި ފެލިކްސް މޮޅަށް ކުޅެމުން އަންނަ އިރު، އެންމެ ފަހުން އެ ކުލަބުން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ ފެލިކްސް އެ ކުލަބުގައި ހުންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް، އެއީ އޭނާ އަށް ނިންމޭނެ ނިންމުމެއް ނޫންކަން ފާހަގަކޮށް ޒަވީ ބުނީ، އެއީ ކުލަބުގެ އިސްވެރިން ނުވަތަ ބޯޑުން ނިންމާނެ ނިންމުމެއް ކަމަށެވެ. ޒަވީ ބުނީ، ބާސެލޯނާގައި އޭނާ ދައްކަމުން އަންނަ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ޚާއްސަކޮށް ޓީމުގެ ފަރިތަކުރުމުގައި ވެސް އަދި މެޗުތަކުގައި އޭނާ އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޒަވީ ބުނީ، އޭނާ އަށް ފެންނަނީ ފެލިކްސް ވެސް ބާސެލޯނާގައި ހިތްހަަމަޖެހިގެން، އުފަލުން ހުންނަ ތަން ކަަމަށެވެ. އޭނާ އަކީ ބާސެލޯނާ އާއެކު ކުރިއަށް ދެވޭނެ ފެންވަރުގެ ކުޅުންތެރިޔެއްކަން ފާހަގަކޮށް ޒަވީ ބުނީ، އޭނާ އަކީ ކުރިމަގުގައި މޮޅު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ. އަނެއްކޮޅުން ފެލިކްސް އާއި ޔާއޯ ކަންސޭލޯގެ ގުޅުން ވެސް ވަރަށް ރަނގަޅުކަން ފާހަގަކޮށް އޭނާ ބުނީ، ޓީމުގެ އެހެން ކުޅުންތެރިންނާ ވެސް އޮންނަ ގުޅުން ރަނގަޅު ކަމަށެވެ.
އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 17 މެޗުން ފަސް ލަނޑު ޖަހައިފަ އެވެ.