ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 14:49
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ގޫގުލް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ނަތަންޔާހޫ ދަނީ ވެސްޓް ބޭންކާއި ޣައްޒާ އެއްކޮށް ވަކިކުރުމުގެ މަސައްކަތް ވަރުގަދަކުރަމުން: ފަލަސްތީން ސަރުކާރު
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ވެސްޓް ބޭންކުގައި ހުއްޓުމެއްނެތި ހިންގަމުންދާ ރެއިޑްތަކަކީ މިކަމުގެ ހެކި
މިއީ ވެސްޓް ބޭންކެގެ ހާލަތު އިތުރަށް ގޯސްކުރުމަށް، އިސްރާއީލުން ގަސްތުގައި ހިންގަމުންދާ އަމަލުތަކެއް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ވެސްޓް ބޭންކާއި ޣައްޒާ އެއްކޮށް ވަކިކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންކަމަށް ފަލަސްތީންގެ ސަރުކާރުން ބުނެފިއެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ، ވެސްޓް ބޭންކާއި ޣައްޒާ އެއްކޮށް ވަކިކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށް، ފަލަސްތީންގެ ދައުލަތެއް ބިނާކުރުމަށް ހުރަސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން އިސްރާއިލުގެ ބޮޑުވަޒީރު މަސައްކަތް ކުރަމުުންދާކަމަށް ބުނެފައެވެ.

އެގޮތުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ވެސްޓް ބޭންކުގައި ހުއްޓުމެއްނެތި ހިންގަމުންދާ ރެއިޑްތަކަކީ މިކަމުގެ ހެކިކަމަށް ފަލަސްތީންގެ ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު، އިސްރާއީލްގެ މީހުންގެ ތެރެއިން ބަޔަކު ހަމަލާދީ އުމުރުން 38 އަހަރުގެ އަހްމަދު އައްސީ މަރާލި މައްސަލަ އެ މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ވެސްޓް ބޭންކްގެ ހާލަތު އިތުރަށް ގޯސްކުރުމަށް ގަސްތުގައި އިސްރާއީލުން ހިންގި އަމަލެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަލަސްތީންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، އައްސީއަށް ހަމަލާދިން މީހުންނަށް އިސްރާއީލް ސަރުކާރުން ވަނީ ހިމާޔަތްދީފައެވެ. އަދި އޭނާއަށް ސިއްހީފަރުވާދޭން ދިޔަ މީހުންނަށް އިސްރާއީލް އަސްކަރިއްޔާއިން ވަނީ ހުރަސް އަޅާފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާއަށް ހަމަލާދޭން ފަށައި ވެސްޓް ބޭންކުގައި އިސްރާއީލް އަސްކަރިއްޔާގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 15،200ށް ވުރެ ގިނަ މީހުން މަރުވެ، 40،600ށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި 6،800ށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ.

ވެސްޓް ބޭންކުގައި އިސްރާއީލުން ހިންގާ ރެއިޑްތަކުގައި 250ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 3،300ށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެ ސަރަހައްދުން 3،000ށް ވުރެ ގިނަ މީހުން ވަނީ މި މުއްދަތުގެ ތެރޭގައި ހައްޔަރުކޮށްފައެވެ.

- ކޮމެންޓް