މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭނެގޮތް ހަމަ ޖެހިއްޖެ އެވެ. މިކަން ހަމަޖެހުނީ ދުބާއީގައި ބުރާސްފަތި ދުވަހު ފެށުނު ކޮޕް28 ސަމިޓް ބައްދަލް ވުމުގެ ފުރަތަމަ ދުވަހުގެ އެޖެންޑާގެ ތެރެއިންނެވެ.
މިފަދަ ނިންމުންތަކަކީ އާންމު ގޮތެއްގައި އެތައްދުވަހެއްގެ ބަހުސަށް ފަހު ގިނަ ފަހަރަށް ކޮންފަރެންސްގެ ފަހު ދުވަހު ނިމޭ ކަންކަމެވެ. ނަމަވެސް ކޮންފަރެންސްގެ ރައީސް ސުލްތާން އަލް ޖާބިރު ފުރަތަމަ ދުވަހު އެކަން އިއުލާން ކުރެއްވުމާއިއެކު ބައިވެރިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ.
"ލޮސް އެންޑް ޑެމެޖް ފަންޑް" ގެ ނަމުގައި ހުޅުވާފައިވާ އެހީގެ ފަންޑް އިއުލާން ކުރެވުމާއިއެކު އީޔޫގެ ގައުމުތައް، އިގިރޭސި ވިލާތް އަދި އެމެރިކާ ހިމެނޭ ގޮތުން 400މިލިއަނެއްހާއެހީ ދޭނެ ކަމަށް ވައުދު ވެފައި ވެއެވެ.
ކޮންފަރެންސާ މުޚާތަބް ކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ މޫސުމީ ގޮންޖެހުންތައް ފާހަގަ ކުރައްވާ ވާހަކަ ފުޅު ދައްކަވާފައެވެ. އަދި 2023ވަނަ އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނު ގަދަ އަހަރުކަން އިގުމުން ދުނިޔޭގެ ލީޑަރުންގެ ބުރަކަށިންވެސް "ހީގަނޑެއް" ފައިބައިގެންދާނެ ކަމަށް ގުޓަރެސް ވިދާޅުވެފައި ވެއެވެ.
މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އެހީވުމަށް "ލޮސްއެންޑް ޑެމެޖް ފަންޑެއް" އުފެއްދުމަށް އެކި ލެވެލް ގައި މަސައްކަތް ކުރަމުން އަންނަތާ ތިރީހަކަށް އަހަރަށް ވުރެގިނަދުވަސް ވަނީ ވެފައެވެ. މިފަދަ ފަންޑެއްގެ ޚިޔާލް ފުރަތަމަ ތައާރަފް ކޮށްފައިވަނީ 90 ގެ އަހަރުތަކުގައެވެ. އެންމެ ފަހުން ފަންޑެއް ގާއިމް ކުރަން ނިންމާފައިވަނީ މިދިޔައަހަރު މިސްރުގައި ބޭއްވުނު ކޮޕް27 ކޮންފަރެންސްގައެވެ. ނަމަވެސް އެފަހަރުވެސް ފައިސާގެ އަދަދުތަކާބެހޭގޮތުން އެއްވެސް ގައުމަކުން އެއްޗެއް ބުނެފައެއްނުވެއެވެ. ފަންޑް ގާއިމް ކުރާނެ ތަނަކާ ހިންގާނެ އުސޫލުތައް އަދި ފައިސާ ދޭންވީ ކޮން ގައުމުތަކަކުންކަން ކަނޑައެޅުމަށް ފާއިތުވީ 12 މަސްދުވަހު ތަފްސީލް މަޝްވަރާތަކެއް ކުރެވި، ގޮތްތަކެއް ނިންމާފައި ވެއެވެ.
"ލޮސްއެންޑް ޑެމެޖް" ފަންޑަށް ޔޫއޭއީ އަދި ޖަރމަނީ އިން ކޮންމެ ގައުމަކުން 100މިލިއަން ޑޮލަރު ދޭނެ ކަމަށް ފުރަތަމަވެސް ބުނެފައިވެއެވެ. އަދި އެމެރިކާއިން 17 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައި ވެއެވެ.