ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ލިވަޕޫލް ޖާގަ ޔަޤީން ކޮށްފިއެވެ.
އެއްވަނަ ޓީމްގެ ގޮތުގައި ލިވަޕޫލް ޖާގަ ޔަޤީންކުރީ 4-0 ން ލާސްކް ބަލިކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ގަކްޕޯ އެވެ. ފުރަތަމަ ލަނޑު ޖަހާ ލިވަޕޫލަށް ލީޑް ނަގައިދިނީ ޑިއާޒް އެވެ. މެޗުގައި ދެން ލިވަޕޫލަށް ލަނޑު ޖަހައިދިނީ ޕެނަލްޓީ އަކުން ސަލާހު އެވެ. ރަނގަޅު މޮޅެއް ލިބުނަސް, މެޗުގެ ފުރަތަމަ ހާފްގައި ލަނޑުޖަހަން ލިބުނު ގިނަ ފުރުޞަތުތަކެއް ލިވަޕޫލަށް ބޭނުން ނުކުރެވުނެވެ. އެކަމަކު ކޯޗު ކްލޮޕް ބުނީ މެޗުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނުނު ކަމަށެވެ. އޭނާ ބުނީ ބައިކޮޅަށް ގޯލެއް ނުވަދެ މެޗު ނިންމާލަން ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި, މޮޅާއެކު އެކަން ހާސިލްވުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.
ލިވަޕޫލް ގަދަ ސޯޅަ އަށް ދަތުރުކުރީ ފަސް މެޗުން 12 ޕޮއިންޓާއެކު އެއްވަނަ ހޯދައިގެންނެވެ. މިގްރޫޕުން ދެވަނަ ޓީމް އަދި ޔަޤީނެއް ނޫނެވެ. 8 ޕޮއިންޓާއެކު ދެވަނާގައި އޮތީ ޓުލޫސް އެވެ. 5 ޕޮއިންޓާއެކު ތިންވަނާގައި އޮތީ ސެއިންޓް ގިލޮއިސް އެވެ.