ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް ފޮނުވަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބައްދަލުވުމުގައި، މުޅި މަޖިލީހުގެ ކޮމިޓީގެ ސަބްކޮމިޓީއަކަށް ބިލުގެ މަސައްކަތް ފޮނުވަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ. މި ބިލު މުޅި މަޖިލީހުގެ ސަބްކޮމިޓީއަކަށް ފޮނުވަން ނެގުނު ވޯޓުގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ވޯޓު ދެއްވީ 26 މެންބަރުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ބިލުގެ މަސައްކަތް 7 މެންބަރުންގެ ސަބްކޮމިޓީއަކަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާތީ ކޮމިޓީގައި ތިއްބަވާނެ މެންބަރުން ހޮވުމަށް ވޯޓު ނަންގަވާފައެވެ.
ސަބް ކޮމިޓީއަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި ނަންތައް
އެންވަޔަރަމަންޓް ކޮމިޓީ:
- ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ދާންދޫ ދާއިރާގެ މެންވަރު ޔައުގޫބް އަބްދުﷲ
މާލިއްޔަތު ކޮމިޓީ:
- ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ
- ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
އިގްތިސާދީ ކޮމިޓީ:
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު
އިޖްތިމާއީ ކޮމިޓީ:
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ދުވާފަރު ދާއިރާގެ މެންބަރު ހުށަހެޅުއްވި ސަބްކޮމިޓީގެ ނަންތަކަށް ތާއިދުކުރެއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲއެވެ. ސަބްކޮމިޓީއަށް ހުށަހެޅުނު ނަންތައް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންތައް ފާސްކޮށްފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 28 މެންބަރުންނެވެ.
މިގޮތަށް ފާސްވުމާއި ގުޅިގެން ސަރުކާރު ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖްކުރުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީގެ ސަބްކޮމިޓީއަކަށް ފޮނުވަން ވަނީ ނިންމާފައެވެ.