ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ނިކުންނައިރު، ޓީމުގައި އަނިޔާގެ މައްސަލަ ބޮޑުވި ނަމަވެސް، ބަހަނާ ދައްކަން ބޭނުންނުވާ ކަމަށް ރެއާލް މެޑުރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދަައްކަމުން އަންޗެލޮޓީ ބުނީ، ދިމާވާ މައްސަލަތަކުގެ ވާހަކަ އާއި އުނިކަންތައްތަކުގެ ވާހަކަ ދެއްކުމަކީ ކުޅެން ތިބި ކުޅުންތެރިންނަށް ބުނެވޭ އިހާނެތި ބަހެއް ކަމަށެވެ. އޭނާ ބުނީ އެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، މިވަގުތު ޓީމުގައި ނެތް ކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓީމުގައި ހުރި ކަންކަމުގެ ވާހަކަ ދެއްކުން މުހިންމު ކަމަށް އަންޗެލޮޓީ ދެކެ އެވެ. ޓީމުގައި މިވަގުތު ތިބި ކުޅުންތެރިން މަސައްކަތް ކުރަމުން އަންނަނީ ދުވަހަކު ވެސް އުންމީދު ވެސް ނުކުރާ ފެންވަރުގައި ކަމަށް އަންޗެލޮޓީ ބުންޏެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް، ރެއާލަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެ ނަމަ، އޭގެ މާނައަކީ މިވަގުތު އޮތް ސްކޮޑަކީ ވެސް ވަރަށް ވަރުގަދަ ސްކޮޑެއްކަން ސާބިތުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އަންޗެލޮޓީ ބުނީ، ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗަކީ، އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލުން ކުޅުނު މެޗަށްވުރެ ތަފާތު މެޗަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް ނަޕޯލީގެ ކައުންޓަ އެޓޭކުގައި ނުރައްކާ ވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ނަޕޯލީން އުފައްދާ ކައުންޓަ އެކޭޓުތައް ހުއްޓުވުމަށް ރެއާލުން ޚާއްސަ ސަމާލުކަމެއް ވެސް ދޭން ޖެހޭނެ ކަމަށެވެ. އެކަންކަމުގެ އިތުރުން ވެސް، ކުދި ކުދި ގޯސްތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ނަޕޯލީއާ ދެކޮޅަށް ނިކުންނައިރު، ރެއާލް އޮތީ ވެސް ގުރޫޕް ސީގެ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ނަޕޯލީ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ރެއާލްގެ ދަނޑުގައި އެ ޓީމުން ނަޕޯލީއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.