ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 15:08
ވ. ކެޔޮދޫ، ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ސައްމާހު
ވ. ކެޔޮދޫ، ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ސައްމާހު
ރާއްޖެއެމްވީ
މޫސަގެ މަރުގެ މައްސަލަ
މޫސަގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް
 
ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުން ވަނީ ކުރިއަށްގެންގޮސްފައި
 
ސައްމާހުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

ތޫނު އެއްޗަކުން ހަމަލާދީ، ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މާމިނގިލީ ސޭޑީގްރޯވް، އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުރާ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ ބައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ހެތްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގެ ސިއްރު ހެކިވެރިއަކު ވަނީ، އޭނާ ހެކިބަސް ދީފައިވަނީ ބިރު ދައްކައި، ނުފޫޒު ފޯރުވައިގެންކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ. އެގޮތުން ދެ ސިޓީއެއް ކޯޓަށް ހުށަހެޅިފައިވެއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސިޓީގައި އޮތް ސޮޔާ ހެކިވެރިޔާ ފުލުހުންނަށް ދިން ބަޔާނުގައި އޮތް ސޮޔާ ދިމާނުވާ ކަމަށެވެ. ފަހުން ފޮނުވާފައިވާ ސިޓީގައި ފިންގަރ ޕްރިންޓްވެސް ހިމަނާފައިވާތީ ދައުލަތުން ވަނީ ފިންގަރ ޕްރިންޓް ކަށަވަރުކުރުމަށް ބޭނުންވާކަން އަންގާފައެވެ.

ގާޒީ ވިދާޅުވީ، މައްސަލަ ކުރިއަށްދާއިރު ފިންގަރ ޕްރިންޓާ ގުޅިގެން ރިޕޯޓު އެކުލަވާލަން ޖެހިއްޖެނަމަ އެކަން ކުރައްވައި، ދެފަރާތުން އެއަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވާނެކަމަށެވެ.

އޭގެ އިތުރުން މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ، ދައުލަތުގެ ސިއްރު ހެކިވެރިއަކު ފާހަގަކުރި ކަމަކާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި، އެއީ މައްސަލައިގެ އަދުލު އިންސާފަށް ވާސިލުވުމަށްޓަކައި ކޮންމެހެން ސާފުކުރަން ބޭނުންވާ މައުލޫމާތެއް ކަމަށް ވިދާޅުވެފައެވެ. ހެކިވެރިޔާގެ ބަޔާން ނަގައި، މައްސަލަ ތަހުގީގުކުރި ފަރާތް ހާޒިރުކޮށްގެން އެކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުން އެދުނެވެ.

އެހެންނަމަވެސް ގާޒީ ވިދާޅުވީ، އެ އިޖުރާއަތަށް އަނބުރާ ރުޖޫއަވުމެއް ނެތް ކަމަށެވެ. ނަމަވެސް މި މަރުހަލާތަކަށްފަހު، އޭނާ ހާޒިރުކުރަން ޖެހޭކަމަށް ޝަރީއަތަށް ފާހަގަކުރެވޭނަމަ އެކަން ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު ކުރިއަށްދިޔައީ ހެތްކާގުޅޭގޮތުން ވާހަކަދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމުގެ ބައެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމެވެ.

ސައްމާހުގެ މައްޗަށް ދައުވާކުރާ، ގަސްތުމަރުގެ މައްސަލައަކީ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަލުން އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެގޮތުން މި މައްސަލަ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައި ވަނިކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީއެވެ.

މި މައްސަލައާ ގުޅިގެން، މީގެ އިތުރުންވެސް މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެއް އިބްރާހީމް ސައްމާހު އަހުމަދު ފަތުހީއާއި، ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ދެ މައްސަލަވެސް ކުރިއަށް ގެންދަވަނީ ގާޒީ އިބްރާހީމް އިހްސާނެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
30 ނޮވެންބަރ 2023 | ބުރާސްފަތި 11:13
ދެރަކަމެއްް
ދޫ ކޮށްލާ މަރުވި މީހާ މަރުވެގޮސްފައި ވާތީ ކަލޭމެން ހުރިހާ ގާތިލުން މިނިވަން ކުރަނީ. މިއަދު ކުށްވެރިން ސަލާމަތްކޮށްފަ ޖަލުން މިނިވަން ކުރާ ފަދައިން ނަރަކައިގެ އަޒާބުން ސަލާމަތް ކުރެވޭނެބާ؟