ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 09:10
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޣައްޒާގެ ހަނގުރާމަ ދާއިމީކޮށް ހުއްޓާލަންޖެހޭ: އުރުދުންގެ ފޮރިން މިނިސްޓަރު
މިހާރުވެފައިވާ އެއްބަސްވުމަކީ ދާއިމީކޮށް އެސަރަހައްދުގައި ހަނގުރާމަކުރުން ހުއްޓުވާ އެއްބަސްވުމަކަށް ހަދަން ދުނިޔޭގެ ލީޑަރުން ވަރަށް ވަރުގަދައަށް މަސައްކަތްކުރަންޖެހޭ
އޮސްލޯ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން އިސްރާއީލުން ފެއިލްވެފައިވާ ކަމަށް ވިދާޅުވި
ފަލަސްތީނާއި އިސްރާއީލާ ދެމެދު ދެމެހެއްޓެނެވި ސުލްހަ ގާއިމުކުރުމަށް އޮތް ހަމައެކަނި ހައްލަކީ، "ޓޫ-ސްޓޭޓް ސޮލިއުޝަން" ކަމަށް ވިދާޅުވި

ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލަން ޖެހޭކަމަށް އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

އުރުދުންގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ޔޫނިއަން ފޮރ ދަ މެޑިޓެރޭނިއަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އުރުދުންގެ ފޮރިން މިނިސްޓަރު ވަނީ ޣައްޒާގައި ކުރާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް މިހާރުވެފައިވާ އެއްބަސްވުމަކީ ދާއިމީކޮށް އެސަރަހައްދުގައި ހަނގުރާމަކުރުން ހުއްޓުވާ އެއްބަސްވުމަކަށް ހަދަން ދުނިޔޭގެ ލީޑަރުން ގުޅިގެން، ވަރަށް ހާއްސަ އިސްކަމެއް ދީގެން، "ވަރަށް ވަރުގަދައަށް އަދި ވަރަށް އަވަހަށް" ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އުރުދުންގެ ވެރިރަށް އައްމާންގައި ކުރިއަށްދިޔަ މި ފޯރަމްގައި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް، ޖޯސެފް ބޮރެލްއާ އެސްރަހައްދުގެ ގައުމުގެތަކުގެ ފޮރިން މިނިސްޓަރުން ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

މިފޯރަމްގައި އުރުދުންގެ ފޮރިން މިނިސްޓަރު ވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ދެމެހެއްޓެނެވި ސުލްހަ ގާއިމުކުރުމަށް އޮތް ހަމައެކަނި ހައްލަކީ، "ޓޫ-ސްޓޭޓް ސޮލިއުޝަން" ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އޮސްލޯ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން އިސްރާއީލުން ފެއިލްވެފައިވާ ކަމަށާއި ސުލްހަ ގާއިމުކުރުމަށް އިސްރާއީލުން ކުރަން ބުނެފައިވާ ކަންކަން އެގޮތަށްނުކުރާ ކަމަށް އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ ހަނގުރާމަވެރި ގްރޫޕް، ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު، އެކަން ހުއްޓާލުމަށް ގައުމުތަކުން ވަނީ ގޮވާލަން ފަށާފައެވެ. ޖެހިޖެހިގެން 48 ދުވަހު ޣައްޒާއަށް ހަމަލާތައް ދިނުމަށްފަހު، ވަގުތީގޮތުން ހަމަލާ ދިނުން ހުއްޓާލުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުން މިހާރު ވަނީ އިތުރު ދެ ދުވަހަށް ދިގުކޮށްފައެވެ.

ވަގުތީގޮތުން ހަނގުރާމަ މެދުކަނޑާލާފައިވާ އޮތްނަމަވެސް، ޣައްޒާގެ ރައްޔިތުން ބޭނުން ވަނީ އިސްރާއީލުން އެ ގައުމަށް ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް