ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 20:59
ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
މީޑިއާ ހަރުދަނާކުރުން
ބްރޯޑްކޮމް އަދި އެމްއެމްސީގެ މެންބަރުންނާއެކު ރައީސް އޮފީހުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް، ރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށްގެންދިޔުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާގުޅޭ ލީގަލް ރިފޯމް ހުއްޓިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވަޑައިގަތް ވައުދުފުޅާއި، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރެއްވުމަށާއި މީޑިއާ ވިލެޖެއް ގާއިމުކުރެއްވުމަށް ވެވަޑައިގަތް ވައުދުފުޅަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ 10 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ވަނީ ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

- ކޮމެންޓް