ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 10:03
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލް ހަބީބު
ރާއްޖެއެމްވީ
ރައްޔިތުން މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބު ރޯދައަށްފަހު ބާއްވާނަމަ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާނެ: ހަބީބު
 
މަޖިލީހުގެ ލަފައަށް ކޮމިޝަނުން އިހުތިރާމް ކުރާނެ
 
އޮފިޝަލުން ހޯދުމަށް ވެސް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ
 
ކޮމިޝަނުގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިކުރުވުން

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު ރޯދައަށްފަހު ބާއްވާނަމަ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ރޯދަމަހަށްފަހު ބާއްވަން އީސީއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ 26 ނޮވެންބަރު 2023 ވީ އާދިއްތަ ދުވަހެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ ބާއްވަންޖެހޭނީ އީދު ބަންދު ތެރޭގައި ކަމަށާއި، ބަންދުގެ ތެރޭގައި ގިނަ ބަޔަކު އެކިއެކި ހިސާބުތަކަށް ދަތުރުކުރާނެ ކަމަށެވެ. ކޮމިޝަނުގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިކުރުވުން ކަމަށް ހަބީބު ވިދާޅުވިއެވެ.

2023 ރިޔާސީ އިންތިޚާބަށް ވެސް އޮފިޝަލުން ހޯދުމަށް ދަތިތައް ކުރިމަތިވިކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ޗުއްޓީ ގުރުބާން ކުރުމަށްފަހު އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް އަތުވެދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން އޮފިޝަލުން ހޯދުމަށް ވެސް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ބައެއް ދާއިރާތަކުގެ އިންތިޚާބު ބާތިލް ކުރުމަށްފަހު ދެވަނަ ބުރެއް ބާއްވަން ޖެހުނުކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އިންތިޚާބު ބާއްވާނެ މުއްދަތެއް ކޮމިޝަނަށް ނުލިބޭނެ ކަމަށެވެ. އެއީ ވެސް ގޮންޖެހުމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ އިންތިޚާބުތަކުގެ ތަޖުރިބާއާއެކު މި ކަންބޮޑުވުންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ލަފައަށް އިހުތިރާމް ކުރާ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ނިންމުމާއެކު ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުމަށްފަހު އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅާނެ ކަމަށެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ 28 މެއި 2024 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް