ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 14:55
އިސްރާއީލުގެ ރެއިޑެއްގައި މަރުވެފައިވާ ފަލަސްތީން ރައްޔިތުންގެ ހަށިގަނޑުތަކެއް
އިސްރާއީލުގެ ރެއިޑެއްގައި މަރުވެފައިވާ ފަލަސްތީން ރައްޔިތުންގެ ހަށިގަނޑުތަކެއް
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޣައްޒާއަށް ހަމަލާދިނުން މެދުކަނޑާލި ނަމަވެސް، ވެސްޓް ބޭންކްގެ ރެއިޑްތަކަށް ހުއްޓުމެއްނާދޭ
ހޮނިހިރު ދުވަހުގެ ދަންވަރު ފެށި ރެއިޑްތަކުގައި ފަލަސްތީންގެ ހަ މީހަކު ވަނީ މަރާލާފައި
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، ވެސްޓް ބޭންކުން ފަލަސްތީނުގެ 229އެއްހާ މީހުން މަރާލާފައިވޭ، އޭގެތެރޭގައި 52 ކުޑަކުދިން ހިމެނޭ
3،000ށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލިނަމަވެސް، އިސްރާއީލުން ފަލަސްތީންގެ ވެސްޓް ބޭންކްގައި ހިންގަމުންދާ ރެއިޑްތަކަށް ހުއްޓުމެއް ނާންނަކަން ހާމަވެއްޖެއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އައި ހަމަލާތައް ހަތަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލަން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ހަތަރު ދުވަހަށް ބަހާލައިގެން އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ވެސް އިސްރާއީލުން ދަނީ މިނިވަން ކުރަމުންނެވެ.

އިސްރާއީލުން އެ ގައުމުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރަމުންދަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސުން އިސްރާއީލަށް ދިން ހަމަލާތަކަށް ފަހު އެ ޖަމާއަތުން ހައްޔަރުކޮށްފައިވާ މީހުންގެ ބަދަލުގައެވެ. އެގޮތުން ހަމާސުން މިނިވަން ކުރާ 50 މީހުންގެ ބަދަލުގައި ފަލަސްތީނުގެ 150 މީހުން މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލައި ރަހީނުން ބަދަލުކުރުމުގެ މަސައްކަތް އިސްރާއީލުން ކުރަމުންދިޔަ ނަމަވެސް، އެ ގައުމުގެ އަސްކަރިއްޔާގެ ހަރަކާތްތައް ވެސްޓް ބޭންކުގައި ހުއްޓުމެއްނެތި ކުރިއަށްދެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލް އަސްކަރިއްޔާގެ ހަރަކާތްތައް އެ ސަރަހައްދުގައި އިތުރުވެ، ވަރުގަދަވެފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭވެސް އިސްރާއީލް އަސްކަރިއްޔާއިން ވަނީ ވެސްޓް ބޭންކްގައި ރެއިޑެއް ކުރިއަށްގެންގޮސްފައެވެ.

ހޮނިހިރު ދުވަހުގެ ދަންވަރު ފެށި ރެއިޑްތައް، އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިސްރާއީލް އަސްކަރިއްޔާގެ ހަރަކާތްތަކުގެ ސަބަބުން ހޮނިހިރު ދުވަހުގެ ދަންވަރު ފަލަސްތީންގެ ހަ މީހަކު މަރުވެފައިވާކަމަށް ފަަލަސްތީންގެ ކަމާގުޅުންހުރި އިދާރާތަކުން ބުނެއެވެ. އޭގެތެރޭގައި ޖެނިން އަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި މަރުވި މީހަކާއި ނަބްލަސްގެ ދެކުނުގެ އަވަށެެއްގައި ކުރިއަށްގެންދިޔަ ރެއިޑެެއްގައި މަރުވި މީހަކު ވެސް ހިމެނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، މިވީ މުއްދަތުގެ ތެރޭގައި އިސްރާއީލް އަސްކަރިއްޔާއިން ވަނީ ވެސްޓް ބޭންކުން ފަލަސްތީނުގެ 229އެއްހާ މީހުން މަރާލާފައެވެ. އޭގެތެރޭގައި 52 ކުޑަކުދިން ހިމެނެއެވެ. އަދި 3،000ށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް