ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 18:32
ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ ގެތަކަށް ދަނީ
ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ ގެތަކަށް ދަނީ
ރޮއިޓާސް
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
ހަމަލާ ބަދަލުކުރުން މެދުކަނޑާލިތާ 2 ވަނަ ދުވަސް: އިތުރު ރަހީނުން ބަދަލުކުރާނެ
ހުކުރު ދުވަހު، އެއްބަސްވުމަށް އަމަލުކުރަން ފަށައި، ހަމާސް އާއި އިސްރާއިލުން ވަނީ ރަހީނުން ބަދަލުކޮށްފައި
ހުކުރު ދުވަހު އިސްރާއިލުން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީންގެ އަންހެނުންނާއި ކުޑަކުދިން
ހޮނިހިރު ދުވަހު ބަދަލުކުރަން ހަމަޖެހިފައި ވަނީ ހަމާސުން ހައްޔަރުކޮށްފައިވާ 14 މީހުންގެ ބަދަލުގައި އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީންގެ 24 މީހުން

އިސްރާއިލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހަތަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑަލާން އެއްބަސްވެފައިވާއިރު، މިއެއްބަސްވުމުގެ ދަށުން ދެވަނަ ދުވަހަކީ ހޮނިހިރު ދުވަހެވެ. މިއެއްބަސްވުމުގެ ދަށުން ހަމަލާބަދަލުކުރުން މެދުކަނޑާލަން އެއްބަސްވުމުގެ އިތުރުން، އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީންގެ ރައްޔިތުންގެ ބަދަލުގައި، ހަމާސުން ހައްޔަރުކޮށްފައިވާ އިސްރާއިލްގެ ރައްޔިތުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ.

އެގޮތުން، ހުކުރު ދުވަހު، މިއެއްބަސްވުމަށް އަމަލުކުރަން ފަށައި، ހަމާސް އާއި އިސްރާއިލުން ވަނީ ރަހީނުން ބަދަލުކޮށްފައެވެ. އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީންގެ މީހުންގެ ތެރެއިން 39 މީހުންގެ ބަދަލުގައި ހަމާސުން ހައްޔަރުކޮށްފައިވާ އިސްރާއިލްގެ 24 މީހުން ވަނީ ބަދަލުކޮށްފައެވެ. ހުކުރު ދުވަހު އިސްރާއިލުން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީންގެ އަންހެނުންނާއި ކުޑަކުދިންނެވެ.

ރިޕޯޓުތައް ބުނާގޮތުން، ހޮނިހިރު ދުވަހު ބަދަލުކުރަން ހަމަޖެހިފައި ވަނީ ހަމާސުން ހައްޔަރުކޮށްފައިވާ 14 މީހުންގެ ބަދަލުގައި އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީންގެ 24 މީހުންނެވެ.

އެއްބަސްވެފައިވާ ހަތަރު ދުވަހުގެ ތެރޭގައި ހަމާސުން ހައްޔަރުކޮށްފައިވާ އިސްރާއިލްގެ މީހުންގެ ތެރެއިން 50 މީހުން މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެމީހުންގެ ބަދަލުގައި އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީންގެ ރައްޔިތުންގެ ތެރެއިން 150އެއްހާ މީހުން ދޫކޮށްލަން ވަނީ އެއްބަސްވެފައެވެ.

މިއެއްބަސްވުމުގައި އިސްރާއިލާ ހަމާސުން ސޮއިކޮށްފައި ވަނީ ނިމުނު ހަފުތާގައެވެ. އެއްބަސްވުމުގައި ސޮއިކުރިފަހުންވެސް، އެއްބަސްވެފައިވާ ގަޑި ޖެހެންދެން، ހުކުރު ދުވަހާ ހަމައަށް އިސްރާއިލުން ވަނީ ޣައްޒާއަށް ވަރުގަދަ، ގިނަ ހަމަލާތަކެއް ދީފައެވެ.

ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލާފައި މިވަނީ ގާތްގަނޑަކަށް 50 ދުވަހު ހުއްޓުމެއްނެތި އިސްރާއިލުން ދިން ހަމަލާތަކުގައި ޣައްޒާގެ 15،000ށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމާއެކު، އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން، ޣައްޒާގެ އުތުރުގައި ދިރުއުޅު ރައްޔިތުންގެ ތެރެއިން، ގެދެރޮ ދޫކޮށް، ދެކުނަށް ދާން މަޖުބޫރުވި މީހުން ވަނީ އަނބުރާ އެމީހުންގެ ގެތަކަށް ދާންވެސް ފަށާފައެވެ. އަދި ޣައްޒާއަށް ބޭނުންވެފައިވާ އިންސާނީ އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް