ބާސެލެނާ އަށް ކުޅެމުން އަންނަ ޖަރުމަނުގެ އިލްކާއީ ގުންޑޮގާން، ސައޫދީ ޕްރޯ ލީގަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އެ ކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ރައްދު ދީފި އެވެ.
ސައޫދީ އަރަބިއްޔާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސައޫދީ ލީގަށް ބަދަލުވާން ގުންޑޮގާން ބޭނުންވެ އެވެ. އެ ލީގުގެ ކުލަބަކަށް ބަދަލުވުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ގުންޑޮގާން ވަނީ ކުލަބަކަށް އޭނާ ގެންދަން އެދިފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ބާސެލޯނާގެ ކޯޗު ޒަވީ ބުނީ، އަންނަ ޖަނަވަރީ މަހު ގުންޑޮގާން ސައޫދީ ލީގަށް ބަދަލުވާ ވާހަކަ އަކީ ހައިރާންވާ ވާހަކައެއް ކަމަށެވެ. އޭނާ ބުނީ، ގުންޑޮގާން މަސައްކަތް ކުރަމުން އަންނަނީ ބާސެލޯނާގައި ދިރިއުޅުމަށް ގެއެއް ހޯދުމަށް ކަމަށެވެ. އަނެއްކޮޅުން، މިހާތަނަށް އޭނާ އެ ކުލަބުގައި ހުރީ ވެސް ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، މީޑިއާ ތަކުން ފަތުރާ ވާހަކަ ތަކަކީ ތެދެއް ނޫން ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. ޒަވީ ދެކޭ ގޮތުގައި ގުންޑޮގާން އަކީ ބާސެލޯނާ އަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކުޅުންތެރިޔެކެވެ. އެހެންކަމުން، އޭނާގެ ޕްލޭންގައި ވެސް ގުންޑޮގާން އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށް އޭނާ ޒަވީ ވަނީ ބުނެފަ އެވެ.
މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު، ގުންޑޮގާން ބާސެލޯނާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ އަށް ބަދަލުވެ، އެ ކުލަބުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ.