ފްރާންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވިއިރު، އެ ކުލަބުގައި އޮސްމާން ޑެމްބެލޭ ފުރަތަމަ ލަނޑު ޖަހައިފި އެވެ.
ލީގުގައި ހުކުރު ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ގޮންޒާލޯ ރާމޯސް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މޮނާކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ޓަކުމީ މިނާމިނޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 39 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ.
ދެ ވަނަ ހާފުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ބާސެލޯނާ ދޫކޮށް ދާދި ފަހުން އެ ޓީމާ ބަދަލުވި ޑެމްބެލޭ އެވެ. ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެމްބެލޭ ޖެހި އެ ލަނޑަކީ، ޕީއެސްޖީގައި އޭނާގެ ފުރަތަމަ ލަނޑެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިޓީނިއާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން މޮނާކޯގެ ދެ ވަނަ ލަނޑު ޖެހީ، ބަލޮގުން އެވެ. ޕީއެސްޖީގެ ފަސް ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ، ރަންޑަލް ކޯލޯ މުއާނީ އެވެ.
މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 13 މެޗުން 30 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ނީސް އަށް ލިބެނީ 26 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަވާއިރު، ކުރިއަށް އޮތް މެޗުން ނީސް މޮޅުވި ނަމަވެސް، ޕީއެސްޖީ އަށް އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.