ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 20:04
ވާރޭ ފެން ލިބުމާއި ރައްކާކުރުމުގައި ޔަމަނަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ދިމާވެފައި
ވާރޭފެން ރައްކާކުރުން
ވާރޭ ފެން ރައްކާކޮށްގެން، ޢަލީ ފަދަ އެތައް ކުދިންނެއްގެ ހައްޓަށް ބޮޑު ލުޔެއް!
މީގެ އެތައް އަހަރެއް ކުރިންވެސް ކުރަމުން އައި ގޮތަށް ވާރޭ ފެން 'ހަރވެސްޓް' ކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައި
ޢަލީ ކޮންމެ ދުވަހަކުވެސް ފެން ހޯދުމަށްޓަކައި އެތައް ކިލޯމީޓަރަކަށް ދަތުރު ކުރޭ

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައި ވާ ހަނަފަސްކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުކޮށްދެވެމުން ނުދިއުމުގެ ތަކުލީފުތަކާ ކުރިމަތިލާންޖެހިފައި އޮތް ޔަމަނުގެ ބަޖީލް ޑިސްޓްރިކްޓްގައި ދިރިއުޅެމުން އަންނަ ޢަލީ އަލް-ޤުދައިމީއަށް  ކޮންމެ ދުވަހެއްގެވެސް ފެށުން އަންނަނީ، އޭނާ ފަދައިން 10 ވަރަކަށް އަހަރުގެ ކުދިންނެކޭ ދާދި އެއްކަހަލަ ގޮތަކަށެވެ.

ނަމަވެސް، ފެނުގެ ދަތިކަމުގެ މައްސަލައަކީ ޢަލީ ދެކެމުންދާ ފޮނި ހުވަފެންތަކަށް އެޅިފައި އޮތް ބޮޑު ހުރަހެކެވެ. ފެނުގެ މައްސަލައަކީ، ޢަލީގެ ޢާއިލާއަށްވެސް ކުރިމަތިލާން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ. އޭނާ ގެންގުޅޭ ހިމާރުގެ އެހީގައި، ޢަލީ ކޮންމެ ދުވަހަކުވެސް ފެން ހޯދުމަށްޓަކައި އެތައް ކިލޯމީޓަރަކަށް ދަތުރު ކުރެއެވެ. ހިލޭ އެހީދޭ ޖަމިއްޔާއަކުން ބަހައްޓައިދީފައި ވާ ފެން ވަޅަކުން ފެން ނެގުމަށެވެ. އެ ވަޅަކީ، ޢަލީ ދިރިއުޅޭ އަވަށުގައި ފެން ފޮދެއް ލިބެން ހުރި ހަމަ އެކަނި މަސްދަރެވެ.

ކޮންމެ ދުވަހަކު ހެނދުނު ޢަލީ ހޭލައިގެން، މޫނު ދޮވެލައިގެން ބަކަރި ހުއިހައްޕަން ދާނީ. އޭގެ ފަހުން އޭނަ ދާނީ ސްކޫލަށް. ސްކޫލުން އައިސް، ދެން އޭނަ ދާނީ އަހަރެމެންނަށް ފެން ބަލައި. މެންދުރު ކާނީ އޭގެ ފަހުން. އަނެއްކާވެސް ފަރުބަދަމައްޗަށް ދާނެ ބަކަރި ހުއިހައްޕަން. އިރުއޮއްސޭއިރު ގެއަށް އަންނާނީ. މީ ކޮންމެ ދުވަހަކުވެސް ޢަލީ އުޅޭ ގޮތަކީ. މިއަދު ޢަލީ ގެނެސްދޭ ފެންފޮދު މާދަމާ ވާ އިރު ހުންނާނީ ހުސްވެފަ. އެހެންވެ، އަނެއް ދުވަހުވެސް ސްކޫލުން އަންނަ ގޮތަށް، ޢަލީ ދާނީ ފެން ބަލާ.
ޢާއިޝާ އަލް-ހަޒާރީ؛ ޢަލީގެ މަންމަ

ޔަމަނުގެ އެހެން ސަރަޙައްދުތަކަށްވެސް ފެނުގެ ދަތިކަން، އޭގެ އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. ފެނުގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކައި އެ ސަރަޙައްދުތަކުގެ މީހުން މިހާރު ވަނީ މީގެ އެތައް އަހަރެއް ކުރިންވެސް ކުރަމުން އައި ގޮތަށް ވާރޭ ފެން 'ހަރވެސްޓް' ކުރުމުގެ މަސައްކަތް އަލުން ފަށާފައެވެ. ވާރޭ ފެން 'ހަރވެސްޓް' ކުރުމަކީ، ރައްކާތެރި ގޮތުގައި ވާރޭ ފެން ނަގައި، ގިނަ ދުވަހަށް ދެމި ހުންނާނެހެން އެ ފެން ރައްކާ ކުރުމެވެ. ޑޭމްތަކާއި، އާރުތަކާއި އެފަދަ ތަންތަނުގައި ވާރޭ ފެން ރައްކާ ކުރުމުގެ މަސައްކަތް ޔަމަނުގައި މިހާރު ކުރަމުން ދަނީ މީގެ އެތައް ޖީލެއް ކުރިން  ވާރުތަވެގެން އައި އުކުޅުތައް ބޭނުން ކޮށްގެންނެވެ.

ޖިއޮގްރަފީ ގޮތުން ޔަމަނު އޮންނަ ސަރަޙައްދަކީވެސް ޤުދުރަތީ ގޮތުން ހަނަފަސް ހިސާބަކަށް ވާ އިރު، ޔަމަނުގެ ރަށްވެހިންނަކީ ފެން ރައްކާ ކުރުމުގެ އުކުޅުތައް މީގެ އެތައް ޤަރުނެއް ކުރިން ދަސްކުރި ބައެކެވެ. ވާރޭ ވެހެމުން ދާ ވަގުތު، އިސްރާފަށް އޮހިގެން ދާން ދޫކޮށްލުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި އެ ފެން ނަގަން ދަސްކޮށްފައިވާ ބައެކެވެ.

ބަނީ މަތާރު ޑިސްޓްރިކްޓްގައި ވާރޭ ފެން ރައްކާ ކުރަނީ ޑޭމްއެއްގައެވެ. އެ ތަނަކީ ހަނަފަސްކަމުގެ ދުވަސްވަރު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފެނުގެ ސަޕްލައި ކަށަވަރުކޮށްދޭނެ ތަނެކެވެ. މިފަދަ ތަނެއްގައި ވާރޭ ފެން ރައްކާ ކުރުމުގެ ސަބަބުން ކަށަވަރު ވަނީ ފެނުގެ ސަޕްލައި އެކަންޏެއް ނޫނެވެ. ދަނޑުވެރިކަން ކުރިއަރުވާ، ނާމްސޫފި ހުއިހެއްޕުމުގެ ކަންކަން ކުރުމަށްވެސް އެ ސަރަޙައްދުގެ ރަށްވެހިންނަށް އެހީއަކަށް ވެއެވެ.

މި ޑޭމްގެ ފައިދާ، 10000 އެއްހާ މީހުންނަށް ކުރާނެ. ކުދި ބޮޑު އެންމެނަށް. މި ވާދީ ނިމޭކޮޅާ ޖެހެންދެން އޮތް ދަނޑުބިންތަކަށްވެސް މި ޑޭމްގެ ފައިދާ ކުރާނެ. އެ ހުރިހާ އެންމެނަށްވެސް ފައިދާ ލިބޭނެ. ނާމްސޫފިތަކަށްވެސް... މިތާ ގެންގުޅޭ 10000 އެއްހާ ކަންބަޅިތަކަށްވެސް ފައިދާ ކުރާނެ.
މުޙައްމަދު ޙުސައިން؛ ބަނީ މަތާރުގެ ރަށްވެއްސެއް

ސާފު ފެންފޮދެއް ހޯދުމުގައި ޔަމަނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކީވެސް ތަކުލީފު އުފުލަން ޖެހިފައި ވާ ދުވަހަކަށް ވާ އިރު، އަވަށްތަކުގެ ޢާންމުން ދަނީ ސަރުކާރު ހިއްސާ ނުވާ އަމިއްލަ ޖަމިއްޔާ ނުވަތަ އެންޖީއޯތަކާ ގުޅިގެން، ފެނުގެ ސަޕްލައި ކަށަވަރު ކުރުމާ ބެހޭ މަޝްރޫޢުތައް، ރަށްފުށު ހިސާބުތަކުގައި ހިންގަމުންނެވެ.

އެފަދަ މަޝްރޫޢެއް ކުރިއަށް ދާ އެއް ސަރަޙައްދަކީ ހުޅަނގުއުތުރު އަމްރާން ޕްރޮވިންސްގެ އަލް-ޖަލީދީ އަވަށެވެ. ސޯޝަލް ފަންޑް ފޮރ ޑިވަލޮޕްމަންޓްގެ ދަށުން އެ އަވަށުގައި ބިނގަރާސް ފެންތާނގީއެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިފަދަ ތާނގިތަކަކީ، ބިމުން މައްޗަށް ފެންނަން ހުންނަ ބައި، ރަނގަޅަށް މަތި ބަންދު ކުރެވޭ ފެންތާނގީއެއް ގޮތަށް، އަދި ބިމު އަޑިއަށް، ފުދޭ ވަރަކަށް ބޮޑު ޖާގައެއްގައި އަޅާ ތާނގިތަކެކެވެ.

މި މަޝްރޫޢު މި ކުރިއަށް ގެންދާ އަވަށުގެ ފެންވަޅުތަކުން ނަގާ ފެން ނޫނީ ބިމު އަޑީގެ ފެން ފަށަލައިން ނަގާ ފެނަކީ، ބުއިމަށް ރައްކާތެރި ފެނެއް ނޫން. އެހެންވެ، އަހަރެމެން ދިރާސާއެއް ހަދާފަ، މި ހިސާބުގަނޑުގަ ވަރޭފެން ހަރވެސްޓް ކުރެވޭނެ ނިޒާމެއް ހަދަން ނިންމީ. ފަރުބަދަމަތީ ސަރަޙައްދުތަކުގަ، ބިމުއަޑިން ފެން ނެގުމަކީ މާ ފަސޭހަވެސް ކަމެއް ނޫން. އެކަމަކު، މޫސުމީ ވިއްސާރަ ކުރާތީ، ވާރޭ ފެން ނަގާ، ރައްކާ ކުރުމުގެ ފުރުޞަތު އޮވޭ. އެހެންވެ، މި ސަރަޙައްދުގެ މީހުންނަށް އެންމެ އެކަށީގެންވަނީ މި ކަހަލަ މަޝްރޫޢެއް ކަމަށް އަހަރެމެން ނިންމީ.
ޔަހްޔާ ޠާހިރު؛ ޕްރޮޖެކްޓް މެނޭޖަރ

ޢާންމު ރައްޔިތުން، މި ޚިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރި ހިތަކުންނެވެ.

މީގެ ކުރިން އަހަރެމެން އެބަ ދަން، 500، 600 މީޓަރު ދުރަށް ފެން ފޮދެއް ބަލައި. އެކަމަކު މިހާރު، ﷲ އަށް ޙަމްދުހުރި. އަހަރެމެންނާ ވަރަށް ގާތުން އެބަ ފެން ލިބޭ. އަހަރެމެންނަށް މިކަމުގެ ފައިދާ އެބަ ކުރޭ. އަހަރެމެންގެ ކުދިންނާއި، އަހެންވެރިންނާއި، އަހަރެމެން ފިރިހެނުންވެސް... އެހެންނުވާނީ، އަހަރެމެން މި ތިބެނީ ފެން އުފުލާ، އުފުލާ ވަރުބަލިވެފަ ވިއްޔާ. ފެނަކީ ދިރުން.
ޢާދިލް ޤާސިމް؛ ޢާންމު ރަށްވެއްސެއް

މުޅި ދުނިޔޭގެ ނިސްބަތުން ބަލާ އިރު ވެސް، ޔަމަނަކީ އެންމެ ބޮޑަށް ފެނަށް ޖެހިފައި ވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ތާއަބަދުމެހެން ޔަމަނަށް އޮންނަނީ، ފެން ނުލިބުމުގެ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ. އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރައްކާތެރި، ސާފު ބޯފެން ކަށަވަރު ނުވެ، އަދި ބަރޯސާވެވެނިވި ނަރުދަމާ ނިޒާމުން މަޚްރޫމުވެފައި ވާ ޔަމަނުގެ ރަށްވެހިންގެ ޢަދަދު 14.5 މިލިއަނަށް އަރައެވެ. ވަޞީލަތްތަކުގެ ދަތިކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިލާން ޖެހިފައި އޮތް ޔަމަނަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރުވެސް އޭގެ އެންމެ އިންތިހާއަށް ކުރާ އަދި އެހެންމެ، ހަލުވި ކަމާއެކު އާބާދީވެސް އިތުރު ވަމުން ދާ ޤައުމެކެވެ. ޔަމަނުގައި އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ ތެރެއަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި، ސަރަޙައްދީ ޤައުމުތަކުން ވަދެ، އެތައް އަހަރަކަށް ދިގުލައި ދިޔަ ހަނގުރާމާގައި ޤައުމު ސުންނާފަތިވެފައި އޮތް ކަމީވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް