ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 16:07
ޕްލާސްޓިކް ނުވަތަ ބިއްލޫރި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެ ނޫންވެސް އެފަދަ ބުއިންތައް ބޭނުން ކުރުމުގެ ކުރިން އަދި އެއް ފަހަރު ވިސްނާލާ
ޕްލާސްޓިކް ނުވަތަ ބިއްލޫރި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެ ނޫންވެސް އެފަދަ ބުއިންތައް ބޭނުން ކުރުމުގެ ކުރިން އަދި އެއް ފަހަރު ވިސްނާލާ
ޕީއޭ އިމޭޖަސް
ފެނުގެ ސަބަބުން ލޭގެ ޕްރެޝަރ މައްޗަށް ދިއުން
ބޮވޭ ފެނެއްގެ ސަބަބުންވެސް ލޭގެ ޕްރެޝަރު މައްޗަށް!
ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެނޫންވެސް ބުއިންތަކުގައި މައިކްރޯޕްލާސްޓިކްސްއިން ތަޣައްޔަރު ވެފައި ވާ ބުއިންތަކެއް ކަމާ މެދު ދެބަސް ވާނެ ޖާގައެއް މިއަދަކު ނެތެވެ. މައިކްރޯޕްލާސްޓިކްސްއަކީ އިރުގެ އަވިން އަންނަ އަލްޓްރާ ވައިލެޓް ދޯދިތަކަށް އެ ޕްލާސްޓިކް ހުށަހެޅުމުން ނުވަތަ ކޮންމެވެސް ގޮތަކުން ފުޅި ގޭނިގެން އެ ފުޅިއަކަށް ލިބޭ އުނިކަމުގެ ތެރެއިން ބޭރުވެގެންދާ ކުދިކުދި ޕްލާސްޓިކްކޮޅުތަކެކެވެ.

ކުރަން ތިޔަ ހުރި ކަމެއް ހުއްޓާލުމަށްފަހު ހަމަޖެހިލައިގެން ފުން ނޭވާއެއް ލާށެވެ. އަދި ވަށައިގެން ވާ މާޙައުލުގައި ހުރި އެއްޗެއްސަށް ބަލައިލާށެވެ. އެންމެ ދުރުން ފެށިގެން ގާތަށް، ފަރުވާތެރި ކަމާއެކީ ނަޒަރު ހިނގާލަބަލާށެވެ. ޕްލާސްޓިކު ކޮޅެއްގައި އަޅައި ނުގަނެ، މިހާ ހިސާބަށް އާދެވުން ވަރަށްވެސް ނާދިރެވެ. އަހަރެމެންގެ ވަށައިގެން މިއޮތް ވެށީގައި ޕްލާސްޓިކް އެކުލެވިގެން ވާ މިންވަރާ މެދު އެއް ފަހަރުވެސް މި ވަރަށް ވިސްނާލެވުނު ހެއްޔެވެ؟ ދިރިއުޅުމުގެ އެންމެ ކުޑަ، އާދައިގެ ބޭނުންތަކަކީވެސް ގިނަ ފަހަރަށް ޕްލާސްޓިކާ ނުލާ ފުއްދާލެވޭ މުހުތާދަކަށް އޮންނަނީ ނުވެފައެވެ. އެންމެ ކުޑަ މިނުން، ހަށިގަނޑަށް ބޭނުންވާ ފެނުގެ މާއްދާ ހޯދުމަށް އަހަރެމެން އެންމެންހެން މި ބަރޯސާވާ ސާފު ބޯފެން ފޮދަކީވެސް، ގިނަ ފަހަރަށް ޕްލާސްޓިކް ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެންނަށް އޮންނަނީ ވެފައެވެ.

ޕްލާސްޓިކްގެ ބޭނުން ކިތަންމެ ބޮޑުވެފައި، ހައްޓަށް ލުއިވި ކަމުގައި ހީ ކުރެވުނު ނަމަވެސް، ޕްލާސްޓިކްގެ ނުރައްކާ އޮތީ ހަމަ އެކަނި ވެއްޓަށް ނޫންކަން ޤަބޫލު ކުރަންޖެހެއެވެ. އޮސްޓްރިއާގައި ހުންނަ ޑެނިއުބް ޕްރައިވެޓް ޔުނިވަރސިޓީގެ ދާދި ފަހުން އާންމު ކުރި ދިރާސާއަކަށް ބަލަމާ ހިނގާށެވެ. މި ދިރާސާއަކީ އަހަރެމެންނަށް އާދައިގެ ކަމެއް ކަމުގައި ހީވެފައި އޮތް ކަމެއްގެ ސަބަބުން، ހަށިގަނޑަށް ދެވޭ އަނިޔާއެއްގެ ވާހަކަ ބަޔާންކޮށްދިން ދިރާސާއެކެވެ. ދައްކަން މި އުޅެނީ ޕްލާސްޓިކް ފުޅީގައި ފެން ބޮއި ހަދާ ވާހަކައެވެ. ދިރާސާ ބުނާ ގޮތުގައި، ޕްލާސްޓިކް ފުޅިން ފެން ބުއިން އާދައަކަށް ހެދުމަކީ، ޞިއްޙީ މައްސަލަތަކުގެ ތެރެއިން އިންތިހާ ކަންބޮޑުވުން އުފައްދަނިވި ކަމެއް ކަމަށް ވާ، ލޭމައްޗަށް ދިއުން ނުވަތަ ލޭގެ ޕްރެޝަރު މަތިވުމަށް މަގުފަހި ކުރުމުގެ ފުރުޞަތު ދެނިވި ކަމެކެވެ.

އަހަރެމެންގެ ލޮލަށް ނުފެންނަ ނުރައްކާތަކެއް ޕްލާސްޓިކް ފުޅިފުޅީގައި ވާ ކަން ޤަބޫލު ކުރަންޖެހެއެވެ. ޕްލާސްޓިކް ފުޅީގައި އެކުލެވޭ މައިކްރޯޕްލާސްޓިކްސް ނުވަތަ ހަމަ ލޮލަށްވެސް ނުފެންނަހާ ކުދިކުދި ޕްލާސްޓިކް ފުއްތައް އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށް ގޮސް، ލޭގެ ތެރެއަށްވެސް ދަމައިގަނެއެވެ. ލޭގެ ތެރެއަށް ދަމައިގަންނަ މައިކްރޯޕްލާސްޓިކްސްގެ ސަބަބުން، ޕްރެޝަރު މައްޗަށް ދާ ގޮތް މެދުވެރި ވާ ކަމަށް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

ސިހުން ގެނުވަނި ވާހަކަ، މި ހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. މައިކްރޯޕްލާސްޓިކްސްގެ އަސަރު އެކުލެވިގެން ވަނީ ހަމަ އެކަނި ޕްލާސްޓިކް ކަންވާރުތަކުގައި ކަމަށްވެސް ބަލާނެ ޖާގައެއް މި ދިރާސާ ނުދިނެވެ. ބިއްލޫރި ފުޅިތަކުންވެސް މައިކްރޯޕްލާސްޓިކްސްގެ އަސަރު ފެނިފައި ވާ ކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

ދިރާސާ ކުރިއަށް ދިޔަ ގޮތަށް ބަލައިލަމާ ހިނގާށެވެ. ޕްލާސްޓިކް އަދި ބިއްލޫރި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބުއިން ދޫކޮށް، އިސްކުރު ފެން ނުވަތަ އަހަރެމެންގެ ބަހުން ނަމަ، ސަޕްލައި ފެން ބޯން ފެށި ހިސާބުން، ދިރާސާގެ ބައިވެރިންގެ ލޭގެ ޕްރެޝަރު ދަށަށް ހިފާލިއެވެ. މި ހައިރާން ކުރަނިވި ހޯދުމާއެކު، މައިކްރޯޕްލާސްޓިކްސްގެ ސަބަބުން އަހަރެމެންގެ ޞިއްޙަތަށް ފޯރައިފާނެ ނުރައްކާ އަސަރުތަކާ މެދު އިތުރު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބަލިތަކަށް މަގުފަހި ކުރާ އެއް އަސާސްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޕްލާސްޓިކްގެ ދަންތުރައިން އަހަރެމެން ހަމަ ރަނގަޅަށްވެސް ސަލާމަތްވާން މަޖުބޫރުވެއްޖެއެވެ. ދިރާސާގެ ހޯދުންތަކާ ހަވާލާދީ، އޮސްޓްރިއާގެ ޓީމުން ވަނީ، ޕްލާސްޓިކް ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތަކާ ދުރުހެލިވުމަށް އިންޒާރު ކޮށްފައެވެ.

ދިރިއުޅުމުގެ ކަންކަމުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރަމުން ދާ ވަރަކަށް، ލޭގެ ޕްރެޝަރުވެސް ދަށް ވަމުން ދާނެކަން ދިރާސާ ޓީމުން ވަނީ ދެނެގަނެފައެވެ. އެއީ ލޭގެ ތެރޭގައި ދައުރުވާ ޕްލާސްޓިކްކޮޅުތައް މަދުވަމުން ދާތީއެވެ. މިއީ ދިރިހުރުމާއި މަރު، ނުވަތަ އަހަރެމެންގެ އިންސާނުންގެ ފުރާނައާ ގުޅިފައި އޮތް ކަމެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ.

ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެނޫންވެސް ބުއިންތަކުގައި މައިކްރޯޕްލާސްޓިކްސްއިން ތަޣައްޔަރު ވެފައި ވާ ބުއިންތަކެއް ކަމާ މެދު ދެބަސް ވާނެ ޖާގައެއް މިއަދަކު ނެތެވެ. މައިކްރޯޕްލާސްޓިކްސްއަކީ އިރުގެ އަވިން އަންނަ އަލްޓްރާ ވައިލެޓް ދޯދިތަކަށް އެ ޕްލާސްޓިކް ހުށަހެޅުމުން ނުވަތަ ކޮންމެވެސް ގޮތަކުން ފުޅި ގޭނިގެން އެ ފުޅިއަކަށް ލިބޭ އުނިކަމުގެ ތެރެއިން ބޭރުވެގެންދާ ކުދިކުދި ޕްލާސްޓިކްކޮޅުތަކެކެވެ.

ހުރިހާ ހިސާބެއްގައިވެސް އޮތީ މައިކްރޯޕްލާސްޓިކްއެވެ. އަހަރެމެންގެ ކުޅާއި، ހިތުގެ ޓީޝޫއާއި، މެއި، ކިޑްނީ އަދި ވާމަސް (ޕްލެސަންޓާ) އިންވެސް މައިކްރޯޕްލާސްޓިކްސް ވަނީ ފެނިފައެވެ. ފުޅިފުޅީގައި ބަންދުކޮށްފައި މި ހުންނަ ބޯފެނުގައިވެސް ގިނަ އަދަދަކަށް މައިކްރޯޕްލާސްޓިކްސް އެކުލެވޭ ކަމަށް ރިޕޯޓްކޮށްފައި ވާ އެތައް ދިރާސާއެއް މިހާރުވެސް އެބަ ހުއްޓެވެ.

ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކަލާއި މައިކްރޯޕްލާސްޓިކްސްއާ ދެމެދު އޮތް ގުޅުމަކީވެސް އަޅާނުލާ ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫނެވެ. ދިރާސާގެ ހޯދުންތަކުން، ލޭގެ ޕްރެޝަރަށް އައި ބަދަލުތަކަށް ރިޢާޔަތްކޮށް، ދިރާސާވެރިން ވަނީ، ހަށިގަނޑުގެ ތެރެއަށް ދާ ޕްލާސްޓިކްކޮޅުތައް މަދު ކުރެވޭ ވަރަކަށް، ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކުރުމަށްވެސް ފުރުޞަތު އޮންނާނެ ކަން ފާހަގަ ކޮށްފައެވެ.

ދެން އެހެންވިއްޔާ އަހަރެމެން ބޯންވީ ކޮން ފެނެއް ހެއްޔެވެ؟ އިސްކުރު ފެން ހެއްޔެވެ؟ ނޫނީ، އަދިވެސް ހަމަ ފުޅިފުޅީގައި ބަންދުކުރި ފެން ބޯނީ ހެއްޔެވެ؟

ދިރާސާގެ ތަފްސީލުތަކަށް، ޚުލާސާ ގޮތެއްގައި ބަލަމާ ހިނގާށެވެ. ސައެންސްވެރިން ވަނީ ދިރާސާގައި ބައިވެރިވި 8 ވޮލަންޓިއަރަކަށް ޚާއްޞަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ދިޔާ މާއްދަތައް ލިބިގަތުމުގައި ޕްލާސްޓިކް ނުވަތަ ބިއްލޫރި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތަކާ މުޅިން ދުރުވުމަށް އެންގިއެވެ. ހަށިގަނޑަށް ބޭނުންވާ ދިޔާ މާއްދާތަކުގެ މަސްދަރަކީ، އިސްކުރު ފެން ނޫން ދެވަނަ އެއްޗެއް ކަމުގައި ނުހެދުމަށްވެސް އެންގިއެވެ.

ނަތީޖާ ލިބުނީ ވަރަށްވެސް ހައިރާން ކުރަނިވި ގޮތަކަށެވެ. ލޯ ހުޅުވައި ދިނީ، ހީވެސް ނުކުރާ ފަދަ މަންޒަރަކަށެވެ. 2 ހަފުތާގެ މުއްދަތުގެ ތެރޭގައިވެސް އެނގުން ވެލިއެވެ. ޑައެސްޓޮލިކް ބްލަޑް ޕްރެޝަރު ނުވަތަ ދެ ވިންދު ދެމެދު ހިތް "އަރާމުކޮށްލާ" ވަގުތު، ލޭ ހޮޅިތަކުގައި ޕްރެޝަރު ހުރި މިންވަރު، ފާހަގަ ކުރެވޭ މިންވަރަކަށް ދަށްވި ކަމަށް ދިރާސާގެ ހޯދުންތަކުން ވަނީ ދައްކާފައެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ، ލޭގެ ތެރޭގައި ޕްލާސްޓިކް އެތިކޮޅުތައް ދައުރުވުމަކީ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މަގުފަހި ކުރާ ކަމަކަށް ވެދާނެއެވެ.

މައިކްރޯޕްލާސްޓިކްސްގެ ވާހަކަ ދައްކާ އިރު، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ފަހުގެ ހޯދުންތަކުން އެނގެން އޮތް ގޮތުގައި، ހަށިގަނޑުގެ އެހެނިހެން ނިޒާމުތަކަށްވެސް މައިކްރޯޕްލާސްޓިކްސްގެ ސަބަބުން ނޭދެވޭ އަސަރު ފޯރައެވެ. އެންޑޯކްރޮނީން ނުވަތަ ހޯމޯންސް ނިޒާމަށް މައްސަލަތައް ކުރިމަތި ކުރުވައެވެ. ދުޅައިގެ އަސަރު ކުރިމަތި ކުރުވައެވެ. އެވަރަކުންވެސް އަދި ނިމުނީއެއް ނޫނެވެ. އޮކްސިޑޭޓިވް ސްޓްރެސްއަށްވެސް ހަށިގަނޑު ހުށަހަޅައެވެ. އޮކްސިޑޭޓިވް ސްޓްރެސްއަކީ، ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް އާއި އެންޓިއޮކްސިޑެންޓްސް ބެލެންސް ނުވުމުން ސެލްތަކަށް ކުރިމަތި ކުރުވާ ގެއްލުމެކެވެ.

މި ފާހަގަ ކުރެވުނީ ޞިއްޙީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް އެކުލެވޭ އަސަރުތަކެއްގެ ވާހަކައެވެ. މިކަންކަމުގެ އަސަރު، މީހާގެ މުޅި ޞިއްޙަތަށް ފޯރައެވެ. މިހާރު ތަހައްމަލު ކުރަމުން ދާ ބައްޔެއް އިތުރަށް ބޮޑުވާ ގޮތް ވެދާނެއެވެ. ނުވަތަ އައު ބަލިތަކަކަށް މީހާ ހުށަހެޅުމުގެ ނުރައްކާވެސް އެބަ އޮތެވެ. އެހެންކަމުން، އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށް ދަތުރުކުރާ ޕްލާސްޓިކްގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ފޯރާ އަސަރުތަކާ ބެހޭ ގޮތުން ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރު ދިރާސާތައް ހަދަމުން ދިއުމަށް މިއަދު މި އޮތީ މަޖުބޫރުވެފައެވެ.

އަހަރެމެންނާއި ޕްލާސްޓިކްއާ ދެމެދު އޮތް ދޯޅަ ގުޅުން، މިހާ ހިސާބުން ނިމުމަކަށް ގެންނަން މިއަދު މި އޮތީ މަޖުބޫރުވެފައޭވެސް ބުނެވިދާނެއެވެ. އޮސްޓްރިއާގެ ދިރާސާ ޓީމުންވެސް ވަނީ، ޕްލާސްޓިކަށް އަހަރެމެންގެ ބަރޯސާވާވުން މުރާޖާ ކުރުމަށް ގޮވާލާފައެވެ. ވަކިން ޚާއްޞަކޮށް، އަހަރެމެންގެ ހަށިގަނޑަށް އެތެރެވާ ބުއިންތަކާ ޕްލާސްޓިކްގެ ގުޅުން އޮތް ގޮތާ ދެމެދު ދެވަނަ ވިސްނުމަކަށް ދާން އެބަ ޖެހޭތާއެވެ.

ޕްލާސްޓިކް ޕެކޭޖިންގްގައި ހުންނަ އުފެއްދުންތަކުގެ ބަދަލުގައި، އެ ނޫން ގޮތެއް ހޯދުމަށް މިއަދު ކޮންމެހެންވެސް މަޖުބޫރެވެ. ސްޓެއިންލަސް ސްޓީލް ނުވަތަ ބިއްލޫރި އުފެއްދުންތައްވެސް ޕްލާސްޓިކަށް ވުރެ މާ ރަނގަޅެވެ. އެތައް ގޮތަކުން ރަނގަޅެވެ. ރަހައާއި ކޮލިޓީ ހިފެހެއްޓުން އެކަންޏެއް ނޫނެވެ. ޞިއްޙީ ގޮތުންވެސް ދުޅަހެޔޮ ވައްޓަފާޅިއަކަށް ފުދެއެވެ. ޕްލާސްޓިކްގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އިވިއިވި ބަޔަކު އެކަމަށް މާ ބޮޑު ސަމާލުކަމެއް މިއަދު ނުދޭ ހާލަތަށް ކަންކަން ގޮސްފައި ވާ އިރު، ޕްލާސްޓިކްގެ ސަބަބުން އަހަރެމެންގެ ފުރާނައަށް ނުރައްކާތަކުގެ ވާހަކަ، އަޑު ހަރުކޮށް ދައްކަން މަޖުބޫރުވެއްޖެއެވެ.

ޕްލާސްޓިކް ނުވަތަ ބިއްލޫރި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެ ނޫންވެސް އެފަދަ ބުއިންތައް ބޭނުން ކުރުމުގެ ކުރިން އަދި އެއް ފަހަރު ވިސްނާލާށެވެ. ކިތަންމެ ފަސޭހަ ކަމުގައި ހީވި ނަމަވެސް، އެ ވިސްނުމާ ދުރުހެލިވެވޭތޯ ބަލަން އެބަޖެހެއެވެ. ޕްލާސްޓިކް ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެނޫންވެސް ބުއިންތަކަށް ވުރެ، ސްޓެއިންލަސް ސްޓީލް ތައްޓެއްގައި ބޯލާ އިސްކުރު ފެންފޮދުވެސް މާ ރައްކާތެރި އެއްޗަކަށް ވެދާނެއެވެ! މިހެން ބުނަންޏަސް، އިސްކުރަކީ ޕްލާސްޓިކް އިސްކުރަކަށް ވެފައި، ފެން ދަތުރުކުރާ ހޮޅީގެ ނިޒާމަކީ ޕްލާސްޓިކް ކަމުގައި ވެއްޖެނަމަ، ދެން ވާނެ ގޮތެއް ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް