ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 18:37
އިސްރާއިލް އަސްކަރިއްޔާގެ ޓޭންކްތައް
އިސްރާއިލް އަސްކަރިއްޔާގެ ޓޭންކްތައް
ރޮއިޓާސް
އިސްރާއީލުން ޣައްޒާއަށް ހަމަލާދިނުން
ވަގުތީ ގޮތުން ހުއްޓާލިއަސް، މަދުވެގެން އިތުރު ދެމަސް ދުވަހު ހަމަލާ ދޭނަން: އިސްރާއީލުގެ ޑިފެންސް މިނިސްޓަރު
އިސްރާއީލުން ހަމަލާތައް ހުއްޓާލީ ހަތަރު ދުވަހަށް
ޣައްޒާގެ އުތުރަށް ނުދިއުމަށް ވަނީ އިންޒާރު ދީފައި

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އައި ހަމަލާތައް ވަގުތީގޮތުން ހުއްޓާލި ނަމަވެސް މަދުވެގެން ދެ މަސް ދުވަހު އިތުރު ހަމަލާތައް ދޭނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލާންޓް ބުނެފިއެވެ.

އޭނާ މިހެން ބުނީ ބުރާސްފަތި ދުވަހު އިސްރާއީލުގެ ފައުޖުތަކާ ބައްދަލުކުރުމަށްފަހުއެވެ. އެގޮތުން، ވަގުތީގޮތުން ހަމަލާތައް ހުއްޓާލި ނަމަވެސް އެ "ހިޔުމަނިޓޭރިއަން ޕޯސް" ނިމުމުން އަނެއްކާވެސް ހަމަލާތައް ދޭނެ ކަމަށް އޭނާއާ ހަވާލާދީ ސީއެންއެން އިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މި ހަމަލާތައް މަދުވެގެން ދެ މަސް ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނި ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލަން އިސްރާއީލުން ވަނީ ނިންމާފައެވެ. މި އެއްބަސްވުމަކީ ދެ ކޮޅުގައި ތިބި އަސީރުން މިނިވަންކުރުމަށްވި އެއްބަސްވުމެކެވެ. ހަމާސް އިން މިނިވަންކުރާ ކޮންމެ 10 މީހަކަށް ޙަމަލާތައް މެދުކަނޑާލަން އެއްދުވަސް އިތުރު ކުރާނެ ކަމަށް ޔަހޫދީ ދައުލަތުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ޑިފެންސް ފޯސަސްގެ ތަރުޖަމާނާ ހަވާލާދީ ސީއެންއެން އިން ބުނީ އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ވެފައި ވި ނަމަވެސް އެ އެއްބަސްވުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން މި ހަތަރު ދުވަހުގެ ތެރޭގައި ވެސް އިސްރާއީލުން އެއަށް ބަދަލު ގެނެސްދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ނައްތާލުމަށް ކަމަށްބުނެއެވެ. އެހެންވެ ދެންވެސް ހަމަލާދޭއިރު ބާރުގެ ބޭނުން ކުރާނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ބުނި ކަމަށް ސީއެންއެން އިން ރިޕޯޓް ކުރެއެވެ.

ހުކުރު ދުވަހު އިސްރާއީލުން ހަމަލާތައް ދިނުން ހުއްޓާލުމުން ޣައްޒާގެ އުތުރުގައި ދިރިއުޅުނު މީހުން ވަނީ ގެތަކަށް ދާން ފަށައިފައެވެ. އިސްރާއީލުގެ ޑިފެންސުން ރަފަހް ބޯޑަރާ ދިމާލުން ވައްޓާފައިވާ ލީފްލެޓުތަކެއްގައި ވަނީ އުތުރަށް ނުދިއުމަށް އިންޒާރު ދީފައެވެ. އަދިވެސް ހަނގުރާމަ ނުނިމޭ ކަމަށް އެ ލީފްލެޓުތަކުގައިވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން 7 އޮކްޓޯބަރުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 13،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެގޮތުން 5،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މި ހަމަލާތަކުގައި މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް