ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް، ރާއްޖޭގެ މީޑިޔާތަކުގެ އިސްފަރާތްތަކާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވެޑައިގެންނެވި ވަޢުދުފުޅު ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ކަންކަން ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިޔާތަކުގެ އިސްވެރިންގެ މަޝްވަރާ ހޯއްދެވުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް، ވިދާޅުވީ ސަރުކާރުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅޭނެ ކަމަށް ވިދާޅުވިއެވެ.
މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގައި ހިމެނޭ މީޑިޔާ ވިލެޖް ޤާއިމުކުރުމާއި، މީޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމަކާއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުވުމުގައި ވަނީ ދެއްވައިފައެވެ. އަދި މީޑިއާތަކަށް މަޢުލޫމާތު ހާމަކުރުމާ މީޑިއާތަކަށް ސަރުކާރުން ކޮށްދޭން ވަޢުދުވެފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާގޮތް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބަލަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ޚިދުމަތްދޭ ގިނަ މީޑިޔާތަކެއްގެ އިސްފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިޔާތަކުގެ އިސްފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައެއް މަޝްވަރާތައް ކުރެއްވިއެވެ.
މީޑިއާތަކާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.