ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 19:32
ރައީސް މުއިއްޒު، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވުން
ރައީސް މުއިއްޒު، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވުން
ރައީސް އޮފީސް
ތިލަ މާލެ ބްރިޖް
ރައީސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައިފި
އެމަނިކުފާނުގެ މި ޒިޔާރަތުގައި، އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ކެބިނެޓުގެ ގިނަ ވަޒީރުން ބައިވެރިވެވަޑަައިގެންނެވި

ތިލަމާލެ ބްރިޖުގެ މަސައްކަތްތަކުގެ އަދާހަމަ، އަދި އެ މަސައްކަތްތައް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސް، މި މަސައްކަތްތައް ބައްލަވާލެއްވީ ބުދަ ދުވަހުއެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން މާލޭގައި އިމާރާތްކުރަމުންދާ، ބްރިޖުގެ ފެށޭކޮޅުގެ މަސައްކަތްތަކާއި، ވިލިނގިއްޔާ މާލެއާ ދެމެދުގައި ހުރި ތަނބުތަކުގެ މަސައްކަތްތަކާއި، އަދި ގުޅީފަޅުގައި ހިނގަމުންދާ މަސައްކަތްތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި އަރިހުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން، ކެބިނެޓުގެ ގާތްގަޑަކަށް ހުރިހާ ވަޒީރުން ބައިވެރިވެވަޑަައިގަތެވެ.

ބްރިޖުގެ މަސައްކަތް ލަސްވުމާ ގުޅިގެން، ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ އެ މަސައްކަތްތައް އަވަސްކުރައްވާނެ ކަމަށް ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމުން އޭރު ދިޔައީ ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުގެ 'ހަފްތާ 14'ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ހިމަނާފައިވެއެވެ.

އެގޮތުން، މިއަދު ރައީސް މުއިއްޒު އެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމުގެ ސަބަބަކީވެސް، މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވައި، އަވަސްކުރެވޭނެ ގޮތްތަކެއް ހޯއްދެވުން ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވަނީ - ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި މަސައްކަތް ފެށި މި ބްރިޖަކީ މުޅި ދުނިޔޭގައިވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ، އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

- ކޮމެންޓް