ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމު އެކުލަަވާލެއްވި ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމްގެ ހިންގުމާ ހަވާލުވެއްޖެއެވެ.
އެ ކޮމިޓީން ޕާޓީ ހިންގުމާ ހަވާލުވެ އަންގާރަ ދުވަހުގެ ރޭ ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ޕާޓީ އޮފީހުގައި ބާއްވައިފައެެވެ. އެ ބައްދަލުވުމުގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި، ކުރީގެ ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ އިތުރުން އެ ޕާޓީގެ ސެެނެޓުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުކުރުމާއި އެހެން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރައީސް ޔާމީން 13 ފޯކަލް ޕޮއިންޓަކަށް 13 ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުން ކުއްލިގޮތަކަށް ބާއްވާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޫސްވެރިން ހިމެނޭ ޕީޕިއެމްގެ ގްރޫޕުގައި ހިއްސާކޮށްފައެއް ނުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވަނީ ހީނާ ވަލީދު ސްޕޯކްސްޕާސަން ކަމުން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގެ ކަންތައްތަކުގައި އުޅުއްވުމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެކަން ރައީސް ޔާމީނަށް އަންގަވައިފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
ނަމަވެސް އައްބާސްގެ އެ ވާހަކަތައް ހީނާ އާއި ތޮލާލް ވަނީ ދޮގުކުރައްވާފައެވެ. މިފަދަ ކަމެއް ފެންމަތިވެފައިވާއިރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ އަލަށް ގުޅޭ މެމްބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ވަގުތީ އޮފީހެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. ޕީއެންސީ އުފެދުނީއްސުރެ އެ ޕާޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަމުން އައީ ޕީޕީއެމްގެ އޮފީހުގައެވެ.
ޕީޕީއެމް އާއި ޕީއެންސީއާ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައި ވީނަމަވެސް މިހާތަނަށް ވެސް ދެ ޕާޓީގެ ލީޑަރޝިޕުން އެ ކަހަލަ ވާހަކައެއް ހާމައެއް ނުކުރެއެވެ.