ބައެއް މީޑިއާތަކުގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކަކީ ލާއިންސާނީ ވާހަކަތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފަލާހުގެ މި ވާހަކަތަކަކީ އިންސާނީ ހައްގުތަކުގެ އަސާސްތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ލާއިންސާނީ ގޮވާލުމެއްގެ އިތުރުން ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ޑިމޮކްރެސީގެ އަސާސްތަކާއި އިންސާނީ ކަރާމާތް ވެއްޔާ މޮޑެލާ ފަދަ ޖަންގަލީ އަމަލުތަކުގެ ވާހަކަ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވެރިކަން ހިންގާ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީގެ މެންބަރަކު ދެއްކެވުމަކީ ވަރަށް ބިރުވެރި ކަމެއް" ކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމަށާއި، އެފަދައިން މަސައްކަތްކުރާ މީޑިއާގެ މުވައްޒަފުން "އުލުބައިންދަން" ޖެހޭ ކަމަށެވެ.
ފަލާހު މި ވާހަކަ ދެއްކެވި ނަމަވެސް، އޭނާ ވިދާޅުވި ފަދަ ދޮގު ހަބަރުތަކެއް އެއްވެސް މީޑިއާއަކުން ނުގެނެސް، އެ ވާހަކަތައް ދައުރުވެފައިވަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަން ފާހަގަކުރެވެ އެވެ.
ދިވެހި ރަދީފުގައި ބަޔާންކޮށްފައިވާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އަނިޔާވެރި އަމަލެކެވެ. މި އަމަލު ހިންގަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދައި، ފުރަގަހުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރޭ ގޮތަށެވެ.
މި މައްސަލައިގައި އެމްޑީޕީން ވަނީ ޑިމޮކްރެސީގެ އަސާސްތަކާއި ހަމަތައް ހިފަހައްޓައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އަދި މިފަދަ ލާއިންސާނީ ވާހަކަތައް ދެއްކުމަކީ ޒިންމާދާރު ސިޔާސީ މަގާމެއްގައި ހުންނަ ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.