ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އާންމުންނަށް ދީފައިވާ ގޯއްޗެއް އަތެއް ނުލައްވާނެ ކަމަށާއި، އެހެންނަމަވެސް ގޯތި ދީފައިވާ ސަރަހައްދުތައް ބަދަލުވެދާނެ ކަމަށް އައު ސަރުކާރުގެ ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބިންވެރިޔާ މަޝްރޫއަށް އިޝާރަތްކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އެ މަޝްރޫއު ހިންގާފައިވަނީ "ގޮޅި ޖަހާލައިގެން"ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ގޯތިތައް ދީފައި ހުރީ، އެކި ޚިދުމަތްތައް ދިނުމަށް އެއްވެސް ޖާގައެއް ކަނޑައަޅާފައި ނެތިކަމަށެވެ.
އެހެންކަމުން އޭގެ ސަބަބުން އާންމުންނަށް ދިރިއުޅެން ދަތިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގުޅީފަޅާ ގިރާވަރު ފަޅުން ގޯތި ދިނުމުގެ ކުރެހުން ފެނިފަ އޮންނާނީ. ހަމަ ގޮޅި ޖަހާލާފަ ހުރީ. އެއްވެސް އެހެން ކަހަލަ ޚިދުމަތެއް ދޭނެ ބިމެއް، ނޫނީ ހުސް ޖާގައެއް ދޭނެ ބިމެއް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އެތާ ދިރިއުޅޭ ބަޔަކަށްވެސް ދަތިވާނެ ކަމެއް. އަރބަން ޕްލޭނަށް ބެލިޔަސް ކުރެވޭނެ ކަމެއްނޫން،. އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ގޮޅި ޖަހާލާފަ. އެގޮތަށް ބިން ދޫކޮށްފިނަމަ ތަކުލީފާ އުނދަގޫތައް ދިމާވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަންތައް ރަނގަޅުކުރުމުގައި، ގޯތި ލިބިފައިވާ ބިން އެރަށެއްގެ އެހެން ސަރަހައްދަކަށް ބަދަލުކުރައްވަން ނިންމަވާފައިވާކަމަށެވެ.
"އެ ލިބުނު ތަނަކުން، ރަށަކުން ގޯތި ދޭނީ. އެ ތަނަކުން ލޮކޭޝަން ބަދަލު ކުރާނީވެސް،." ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުގެ، ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން، އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.
މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.