އިސްރާއީލާއި ހަމާސް ހަނގުރާމައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއިން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަމަށް ބުނެ ޔޫރަޕިއަން ކޮމިޝަނުން ، އެކްސްގައި އިޝްތިހާރު ކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ޑެޕިއުޓީ ޗީފް ސްޕޯކްސްޕާސަން ޑާނާ ސްޕިނަންޓް ވިދާޅުވީ، ހާއްސަކޮށް އިސްރާއީލާއި ހަމާސް ހަނގުރާމައާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ކޮމިޝަނަށް ލިބުނު ގެއްލުމުގެ ނުރައްކަލުން ސަލާމަތްވުމަށް ޓަކައި ވަކި ގޮތެއް އަންގަންދެން މި ޕްލެޓްފޯމްގައި އިޝްތިހާރުކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އެ ކޮމިޝަނުން ލަފާ ދީފައިވާ ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިފައިވާ ގާނޫނާ ހިލާފު ކޮންޓެންޓާއި ދޮގު މައުލޫމާތުތަކާ މެދު އެ ޖަމާއަތުން އަމަލުކުރި ގޮތާއި އެ ބްލޮކްގެ އާ ކޮންޓެންޓް މޮޑަރޭޝަން ގާނޫނާ އެއްގޮތަށް އަމަލުކުރި ގޮތް ސާފުކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ އެކްސް އަށް ރަސްމީކޮށް މައުލޫމާތު ހޯދުމަށް ފޮނުވައިފަ އެވެ.
އީޔޫއިން މިފިޔަވަޅު އަޅާފައި މިވަނީ އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ވާހަކަ ތައް ބައްޓަން ކުރުމުގައި އެކްސްގެ ދައުރު ބަލަމުންދާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހުކުރު ދުވަހު އެކްސްގެ ވެރިޔާ އީލޯން މަސްކް ވިދާޅުވީ ފަލަސްތީނަށް ތާއީދުކުރާ ބަހާއި "ޑިކޮލޮނައިޒޭޝަން" އާއި "ކޯރުން މޫދަށް" ފަދަ ލަފުޒުތަކުން ދޭހަވަނީ ޖަރީމާ ކަމަށާއި "ހަރުކަށި ހަމަނުޖެހުން ހިންގުމަށް ސާފުގޮވުންތައް" ގެ ސަބަބުން އެ ޕްލެޓްފޯމުން ސަސްޕެންޑް ވާނެ ކަމަށެވެ.
މަސްކް މިހެން ވިދާޅުވެފައިވާއިރު، ކޮމްކާސްޓާއި އައިބީއެމް ހިމެނޭ ގޮތަށް އިޝްތިހާރު ކުރާ ފަރާތްތަކުން އެކްސްގައި އިޝްތިހާރު ކުރުން މެދުކަނޑާލީ ފާޑުކިޔުންތެރިން ބުނާ ގޮތުގައި ދެކުނު އެފްރިކާއަށް އުފަން ވިޔަފާރިވެރިޔާ އީލޯން މަސްކް އެންޓި ސެމިޓިކް ޕޯސްޓެއް އެންޑޯސް ކުރުމުންނެވެ.