ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 17:31
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް ޔާމީން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް ޔާމީން
ރައީސް މުއިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގައި ނެތަސް މާދަމާ ޔާމީން ހުންނަވާނީ މިނިވަނެއްގެ ގޮތުގައިތަ؟
 
ރައީސް ޔާމީނަކީ ވަރަށް ބަލައިގަންނަ ޝަހްސިއްޔަތެއް
 
ގާނޫނީ ހަމަތަކުން ޔާމިނަށް ކުރައްވާފައިވާ ހުކުމް ބާތިލްވާނެކަން ޔަގީން
 
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގަބޫލު ކުރެއްވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު އެންމެ އަޑުހަރުކޮށް ވިދާޅުވި އެއްވާހަކަފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރައްވާނެ ވާހަކަފުޅެވެ. ޔާމީނަށް ކުރީ ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެންމެ ބޮަޑަށް އެދިވަޑައިގަންނަވަނީ ޔާމީނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން ކަމަށާއި އަދި އެކަމަށް އެދިވަޑައިގެން ދުޢާ ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ މިއަދަކު ނޫނީ އިއްޔެ ކުރީގެ ރައީސް ޔާމީނަށް ސަޕޯޓު ކުރައްވަން ފެއްޓެވި ބޭފުޅެއް ނޫން ކަމަށާއި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިންވެސް ރައީސް ޔާމީނަކީ ވަރަށް ބަލައިގަންނަ ޝަހްސިއްޔަތެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެހެން ޕާޓީއެއްގައި ހުންނަވައިގެން ވެސް އެމަނިކުފާނު ވިދާޅުވި ހުރިހާ މަސައްކަތެއް ކުރައްވާފައިވާނެ ކަމަށާއި އެފަދައިން މަސައްކަތް ކުރެއްވީ ޔާމީނާމެދު ހިތްޕުޅުގައި އޮތް ލޯތްބާއި ގަދަރުގެ ސަބަބުން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވެރިކަމާ ހަވާލުވެ ރައީސް ޔާމީން ނުހައްގުން ޖަލަށްލީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެމަނިކުފާނު މިނިވަން ކުރުމަށްޓަކައި އެންމެ ފުންމިނުގައި އެ މަނިކުފާނަށް ދެވެން ހުރި ހުރިހާ ސަޕޯޓެއް ދެއްވަމުންގެންދަވާ ކަމަށާއި އެގޮތުގައި ދެމި ހުންނަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގަބޫލު ކުރެއްވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. ގާނޫނީ ހަމަތަކުން ޔާމިނަށް ކުރައްވާފައިވާ ހުކުމް ބާތިލްވާނެކަން ޔަގީންކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންތައްތަކުގައި އެކަން ހިމަނުއްވާފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތައް އިފްތިތާޙުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެސް ކުރީގެ ރައީސް ޔާމީން "މިނިވަން ކުރައްވާނެ ކަމަށް" ވިދާޅެއް ނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކެމްޕޭން ކުރެއްވި ދުވަސްވަރު "ވިއްކެވީ" ތިން ކަމެކެވެ. އެއީ ރާއްޖޭގެ ތިބިކަމަށް ބުނާ އިންޑިޔާ ސިފައިން ބޭލުމަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމުގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ. ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ ތިބިކަމަށް ބުނާ އިންޑިޔާ ސިފައިން ބޭލުމާއި އިޓްލޮސްއިން ނިންމި ނިންމުން އިސްތިއުނާފު ކުރުމުގެ ވާހަކަ އެބައޮތެވެ. އެހެންނަމަވެސް ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅެއް ނުވެއެވެ. އެހެންކަމުން ރައީސް މުއިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގައި ނެތަސް ކުރިން ވިދާޅުވެފައިވާގޮތަށް މާދަމާ ޔާމީން ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.

ކަން މިހެން އޮތްއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ ރަސްމިއްޔާތުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުން ޔާމިނަށް ފޮނުވިކަމަށް ވެސްވެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މީޑިއާތަކަށް ވިދާޅުވީ އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމެވި ސަބަބަކީ ޖިނާއީ ހުކުމެއްގައި ހުންނަވަނިކޮށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. ޔާމީންގެ ވާހަކަ ހަރުއަޑުން ރައީސް މުއިއްޒު ދެއްކެވިއިރު މިހާރު އެއަޑުތައް މިވަނީ ފަނޑުވާން ފަށާފައެވެ. މިއާއެކު އާންމުންގެ ހިތުގައި އުފެދިގެންދާ ސުވާލަކީ ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ހަރުދަނާތޯއެވެ. ދެބޭފުޅުންގެ ދެމުދުގައި ހުރިހާ ކަމެއް "އޯކޭ" ތޯއެވެ. މިފަދަ އެތައް ސުވާލުތަކެއް އާންމުންގެ ހިތުގައި އުފެދިގެންދާއިރު މާޒީން ފެންނަން އޮތް ހަޤީޤީތަކީ ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވާ ތަނެވެ. އުންމީދަކީ މި ދެ މިތުރުން ވެސް ހަތުރުންނަށް ނުވުމެވެ. ޤައުމު ހިންގެވުމުގެ މަސައްކަތުގައި ދެބޭފުޅުންވެސް ހިތްވަރާއެކު މަސައްކަތްކުރެއްވުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
50%
50%
ކޮމެންޓް