މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ފްލެޓުން ވައްކަން ކުރުމުގެ މާޒީއެއް އޮންނަ ބޭފުޅެއްކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ކުރާ ވައްކަންތަކަށް އަޅިއަޅުވާލައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިއަ އެމްޑީޕީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ ރައީސް މުއިއްޒަށް އެއްވެސް ކަމެއް އެނގިނުލައްވާ ކަމަށެވެ. އަދި ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅުކަމަށެވެ.
ފިއްޓެ ވިދާޅުވީ ރައީސް މުއިއްޒަކީ ފްލެޓުން ވައްކަންކުރުމުގެ މާޒީއެއް އޮތް ބޭފުޅެއް ކަމަށާއި އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ 700 ފްލެޓަށް ވެސް ވެގެން ދިއަގޮތް ދިވެހިރައްޔިތުން ހަނދާން ހުންނާނޭކަމަށެވެ. އަދި އެ 700 ފްލެޓުގެ ކަންތައް ވެސް އެންމެ ފަހުން އަޅުވާލީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ބޮލުގައި ކަމަށާއި މީގެ އިތުރުން ހިޔާ ފްލެޓުތަކާއި މިއަދު މިހާރު މި ދިމާވެގެން އުޅޭ ކަންތަކުގައިވެސް މުއިއްޒު ކަންތައް ކުރެެއްވީ ހަމަ އެގޮތަށް ކަމަށް ފިއްޓޭ ވިދާޅުވިއެވެ.
ފިއްޓޭ ވިދާޅުވީ ފްލެޓުތަކަށް ބަދަލު ދޭން ނުޖެހޭނޭ ކަމަށް ރައީސް މުއިއްޒު އެބަ ވިދާޅުވާ ކަމަށާއި ނަމަވެސް މުއިއްޒު އެފަދައިން ވިދާޅުވާއިރު، އެމްޑީޕީ ވެރިކަމުގައި އެއްވެސް އެގްރީމެންޓެއް ބާތިލްކޮށްފަ ނޯންނާނޭ ކަމަށެވެ. އަދި އުފެދުމުގައި ބާތިލް އޭ ކިޔާފައި ބާތިލްކުރި އެއްވެސް އެގްރީމެންޓެއް ވެސް ނޯންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަދަލުދޭން ނުޖެހޭނޭ ކަމަށް މިއަދު އެޓާނީ ޖެނެރަލް ވެސް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެގޮތުން ކޯޓުން ހުކުމްކޮށްފައި ހުރި ބަދަލުތައް ވެސް ގަދަކަމުން އަތުލަމުން ގެންދާކަމަށް ފިއްޓޭ ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ފްލެޓް ވައްކަމުގެ މާޒީއެއް އޮތް ބޭފުޅެއް. އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި 700 ފްލެޓަށް އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނަވާ ކަންތައް ކުރެއްވި ގޮތް. އަދި އެކަން ވެސް އަޅުވާލީ މެޑަމް ފާތުންގެ ބޮލުަ. ހިޔާފެލްޓުތަކަށް ވެސް އަދި މިހާރުގެ ކަންތަކުގައި ވެސް ހަމަ އެގޮތަށް.މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވި
ފިއްޓޭ ވަނީ މި ސަރުކާރުން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ވަގަށް ވައްދަމުންދާކަން ފާހަގަކުރައްވާ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ފިއްޓޭ ވިދާޅުވީ މިއީ މި ސަރުކާރުން ކުރަމުން ގެންދާ ބޮޑު ވައްކަމެއް ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ފިއްޓޭ ވިދާޅުވީ މި ސަރުކާރުން ޤާނޫނު އަސާސީއަށް ބަދަލުގެނެެސްގެން ބައެއް ޕާޓީތައް އުވާލާ، އެ ޕާޓީތަކުގައި ތިބި މެމްބަރުންނާއި އެހެނިހެން ފަރާތްތައް ވަގަށް ޕީއެންސީގެ ދަފްތަރުގައި ޖައްސަމުން އަންނަ ކަމަށެވެ.
ފިއްޓޭ ވިދާޅުވީ ވައިކަރަދޫ ދާއިރާގެ ވެސް ވަރަށް ގިނަ މީހުން ވާނުވާވެސް ނޭންގި ޕީއެންސީ އަށް ވައްދާފައިވާ ކަމަށާއި އެކަން އެގޮތަށް ވާކަން ހާމަވަނީ އެ މެމްބަރުން ގުޅުއްވާފަ އެކަމުގެ ޝަކުވާ ކުރަމުން ގެންދާތީކަމަށެވެ. އަދި މީގެން ދުވަހަކު ސިޔާސީ ޕާޓީތަކަށް ނުވެސް ވަންނަ މީހުން ވެސް އެމީހުންނަށް ނޭންގި ވެރިކަން ކުރާ ޕާޓީއަށް ވައްދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިއްޓޭ ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ވުރެ ބޮޑު ދަފްތަރެއް މިހާރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން އެބަ ގެންގުޅޭ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ ޕާޓީއެއްގެ ދަފްތަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިއްޓޭ ވިދާޅުވީ ޕީއެންސީއަށް ވަގަށް ވައްދާ ލިސްޓުގައި ކައުންސިލަރުންވެސް އެބަތިބި ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މަޖިލިސް މެމްބަރުންވެސް ޕީއެންސީއަށް ވައްދަފާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ. އެހެން ކަމުން މިކަމަށް ހުރިހާ މަޖިލިސް މެމްބަރުންގެ ވެސް ސަމާލުވެ ތިބުމަށް ފިއްޓޭ ވަނީ ގޮވާލައްވާފައެވެ.
ފިއްޓޭ އިތުރަށް ވިދާޅުވީ ޕީއެންސީއަށް ވަގަށް މެމްބަރުން އިތުރުކުރާ ކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަނުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނޭ ކަމަށެވެ. އެގޮތުން މިކަން މި ހިނގާގޮތް ވަރަށް ސީރިއަސްކޮށް ބަލައިދިނުމަށް ވެސް އީސީގައި އެދުނުކަމަށް ފިއްޓޭ ވިދާޅުވިއެވެ.