ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 10:10
ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖެ އައި ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
ރާއްޖެއަށް އަންނަ ފަތުރުވެރިން
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް
 
ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރޭ
 
މިއަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރޭ
 
މިދިޔަ އަހަރާ އަޅާ ބަލާއިރު 12.9 އިންސައްތަ ވަނީ ކުރިއަރާފައި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،600،382 (އެއް މިލިއަން ހަ ލައްކަ ތިންސައްތޭކަ އައްޑިހަ ދެ) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.4 މިލިއަން ފަތުރުވެރިންނެވެ.

ސަރުކާރުން ލަފާ ކޮށްފައިވާ ގޮތުގައި މިއަހަރު އެންމެ ރަނގަޅު ހާލަތުގައި ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެއެވެ. އަހަރު ނިމެން ބާކީ ދޮޅުމަސް ދުވަސް އޮތްއިރު މި ޓާގެޓު ހާސިލު ކުރުމަށް އިތުރަށް ބޭނުންވަނީ ތިން ލައްކަ ފަތުރުވެރިންނެވެ. މިހާރުގެ އަދަދުތައް ދައްކާގޮތުން މި ޓާގެޓް ހާސިލް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ގޯސް ހާލަތުގައި ވެސް 1.8 މިލިއަން ފަތުރުވެރިންނަށް މިއަހަރު މަރުހަބާ ކިޔޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ވަނީ ލަފާ ކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ކޮންމެ މަހެއްގައި ވެސް އެވްރެޖުކޮށް 150،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ފެބްރުއަރީ މަހުގައެވެ. އެ މަހު 177،915 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އަންނަ ޤައުމުތަކުގެ ކުރީގައި އަދިވެސް އޮތީ ރަޝިއާއެވެ. އެ ޤައުމުން މިއަހަރުގެ މިހާތަނަށް 183،771 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނޑިއާއިން 172،774 ފަތުރުވެރިން، ޗައިނާއިން 169،720 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ރިސޯޓުތަކާއި ހޮޓެލްތަކާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނޭހެން ޖުމްލަ 62،901 ޓޫރިސްޓް އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް