ހުސްވި 2024 ވަނަ އަހަރު، ފަތުރުވެރިކަމުގެ ދާއިރާއިން 5.6 ބިލިއަން އެމެރިކާ ޑޮލަރު ރާއްޖެ އަށް ހޯދައިދީފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހާމަ ކޮށްފިއެވެ.
މިއީ ކުރީ އަހަރާ އަޅާބަލާއިރު 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން 4.5 ބިލިއަން އެމެރިކާ ޑޮލަރު ހޯދައި ދިނީ ރިސޯޓުތަކުންނެވެ. މިއީ ޖުމްލަ އާމްދަނީގެ 83.6 އިންސައްތައެވެ.
މަޓީ އިން މިކަން ހާމަ ކުރީ އެ ޖަމްއިއްޔާގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
މަޓީން ހާމަ ކޮށްފައިވާ ގޮތުގައި ރިސޯޓުތަކުގެ އިތުރުން ދެން އެންމެ ގިނައިން އާމްދަނީ ހޯދައިދިނީ އެތެރޭގެ ވައިގެ ދަތުރުފަތުރާއި، ޑިއުޓީ ފްރީ ވިޔަފާރިތަކާއި، ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ގެސްޓްހައުސް ތަކުންނެވެ.
މަޓީން ހާމަ ކުރި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް 1.06 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ އެއް ލިބުނެވެ. މިއީ ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 95 އިންސައްތައެވެ. މީގެ ތެރެއިން 620 މިލިއަން އެމެރިކާ ޑޮލަރު ލިބުނީ ޓީޖީއެސްޓީ އިންނެވެ. 123.6 މިލިއަން އެމެރިކާ ޑޮލަރު ލިބުނީ ބިމު ކުލިންނެވެ. އަދި 73 މިލިއަން އެމެރިކާ ޑޮލަރު ލިބުނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައެވެ.
މަޓީ ގެ 35 ވަނަ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ބޭއްވީ ކުރުނބާ މޯލްޑިވްސް ގައެވެ. އޭޖީއެމް ގައި 111 މެންބަރުން ބައިވެރިވެފައިވެއެވެ.
އަހަރީ އާންމު ޖަލްސާ ފެށިގެން ދިޔައީ ޗެއަރމަން، އަލްފާޟިލް މުޙައްމަދު އުމަރު މަނިކު އަދި ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުންނެވެ.
މި ޖަލްސާގައި ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަޒީރު، ފާއިތުވި އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފަތުރުވެރިކަމުގެ ސިނާޢަތުން ކޮށްފައިވާ މުހިންމު ހިއްސާ ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ދިމާވެދާނެ މުހިންމު ގޮންޖެހުންތަކާ މެދުވެސް ވާހަކަދެއްކެވިއެވެ.
2024 ވަނަ އަހަރުވެސް ޤައުމުގެ ޖީޑީޕީ އަށް އެންމެ ބޮޑު ހިއްސާއެއް ކުރި ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ވަޒީފާ އުފެއްދުމާއި ސަރުކާރަށް އާމްދަނީ ހޯދައި ދިނުމުގައި ވެސް މި ދާއިރާއިން އިސް ދައުރެއް އަދާކުރިއެވެ.
ފާއިތުވި އަހަރު، ފުރަތަމަ ފަހަރަށް، ރާއްޖެއަށް ބޭރުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށްވުރެ އިތުރުވިއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.
ފާއިތުވި އަހަރު ޖުމްލަ ބެޑް ނައިޓްގެ އަދަދު 3 އިންސައްތަ އިތުރުވިއެވެ. 172 ރިސޯޓުގައި 11 މިލިއަން ބެޑް ނައިޓް ރެކޯޑުކުރެވި، އޮކިއުޕަންސީ ރޭޓް 71.2 އިންސައްތައިގައި ހިފެހެއްޓުނެވެ. އެންމެ މަތީ އޮކިއުޕަންސީ ރޭޓް ރެކޯޑުކުރެވުނީ ފެބްރުއަރީ މަހު 95 އިންސައްތައިގައެވެ. އެންމެ ދަށް އޮކިއުޕަންސީ ރޭޓް ރެކޯޑުކުރެވުނީ ޖޫން މަހު 50 އިންސައްތައިގައެވެ.
މި ކާމިޔާބީ ތަކާއެކުވެސް، މި ދާއިރާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވުނެވެ. މީގެ ތެރޭގައި 2024 އަދި 2025 ވަނަ އަހަރު ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި، 10 އިންސައްތަ އަށް ސަރވިސް ޗާޖު، އަދި ގްރީން ޓެކްސް މަތިކުރުން ހިމެނެއެވެ. މީގެ އިތުރުން، އެއަރޕޯޓާ ގުޅުންހުރި ޓެކްސްތައް އިތުރުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް މައްޗަށް ދިއުން ހިމެނެއެވެ.
ޖަލްސާގައި ފާހަގަކުރެވުނު އެއް މުހިންމު ކަމަކީ ސަރުކާރުގެ ދަރަނި އިތުރުވަމުންދާ މިންވަރެވެ. 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ސަރުކާރުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އަކީ ޤައުމުގެ ދަރަނި ކުޑަކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން މާޓީ އިން ފާހަގަކުރިއެވެ. އަދި ލިބޭ ފައިސާ ހެޔޮގޮތުގައި ބޭނުންކުރުމަށް އިތުރަށް ސަމާލުކަން ދިނުމަށް މަޓީ އިން ގޮވާލިއެވެ.