ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2023 ގެ އެއް މުއްދަތާ އަޅާބަލާއިރު 0.1 އިންސައްތަ ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ހާމަވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ގެ ތެރޭގައި ހިމެނޭ ޑިސެމްބަރު މަހުގެ ފަތުރުވެރިން އައި ނިސްބަތް ދަށްވެފައިވާކަން ތަފާސް ހިސާބުން ފެންނަ އިރު، ނަން ނުޖެހުމަށް ޝަރުތު ކޮށް މި ނޫހާ ވާހަކަ ދެއްކި ޓުއަރ އޮޕަރޭޓަރަކު މައުލޫމާތު ދިން ގޮތުގައި ފަތުރުވެރިން އައުން މަދުވެފައިވަނީ ކެންސަލޭޝަން އިތުރުވުމުގެ ސަބަބުންނެވެ. އޭނާ ހާމަ ކުރި ގޮތުގައި ބައެއް ދުވަސް ދުވަހު ޖުމްލަ ކެންސަލޭޝަން އަދަދު 500 ށް އަރާ ކަމަށްވެސް ބުނެފައިވެއެވެ. އެހާ ގިނަ އަދަދެއްގެ ކެންސަލޭޝަން އަންނަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭގެ އެއް ސަބަބަކީ ފަތުރުވެރިންނަށް ވެސް ވޭޕް ގެނައުން މަނާ ވުމާއި، އިތުރުވި ޓެކްސް ތަކުގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ގޮސްފައިވާއިރު، ސަރުކާރުން ވަނީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު ހިފާފައި ކަމަށް ބުނެފައެވެ. ހިސާބުތަކަށް ބަލާއިރު ޑިސެމްބަރު 7 ގެ ނިޔަލަށް 1،877،567 ފަތުރުވެރިން ރާއްޖެ އަށް އައިސްފައި ވާއިރު، ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޑިސެމްބަރު މަހުގެ ބާކީ އޮތް ހަފްތާތަކުގައި އިތުރު 122،433 ފަތުރުވެރިން ރާއްޖެ އަންނަން ޖެހެއެވެ.
ދިވެހިރާއްޖެއަށް ދުވާލަކަށް އެވްރެޖްކޮށް 5،705 ފަތުރުވެރިން އައިސްފައިވާއިރު، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، މަހުގެ ބާކީ އޮތް ދުވަސްތަކުގައި އެވްރެޖްކޮށް ދުވާލަކު 8،161 ފަތުރުވެރިން ޒިޔާރަތް ކުރަން ޖެހޭނެއެވެ.
އަނެއްކޮޅުން މި އަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީ 500 މިލިއަން ޑޮލަރަށް ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ވަނީ ހާމަވެފައެވެ.
އެމްއެމްއޭ އިން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ 10 މަހު ފަތުރުވެރިކަމުގެ ސިނާއަތުން ލިބިފައިވަނީ 2.9 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 3.4 ބިލިއަން ޑޮލަރު ސަރުކާރަށް ލިބިފައިވެ އެވެ.