ޕީއެސްއައިޕީ ބަޖެޓަކީ މިނިސްޓްރީގެ ކޮންޓްރޯލުގައި އޮންނަ ބަޖެޓެއް ނޫންކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ، ޕީއެސްއައިޕީއަށް ވެސް އިތުރަށް ޚަރަދުކޮށްފައި ވާކަމަށް ބުނެ ކޮމިޓީގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ. މިނިސްޓަރު ވަނީ ކޮންޓިންޖެންސީ ބަޖެޓު ތެރެއަށް އަދަދު އިތުރުކުރުމުގެ ބޭނުމަކީވެސް އެ ފައިސާ ބޭނުންކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރުން ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ބައެއް މަސައްކަތްތަކުގެ ބިލް ބޮޑު ކުރުމުން އޮޓޮމެޓިކުން ޕޭމަންޓް އަންނަކަމަށާއި، އެކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުވެގެންދާ ކަމަށެވެ. އެހެންކަމުން މީގެ ކުރިންވެސް ޚަރަދުތައް ހަމަޖައްސަނީ ޖުމްލަ ބަޖެޓުގެ ތެރެއިން ކަމަށާއި، ބަޖެޓު ކޯޑަށް އަބަދުވެސް ބަދަލު ގެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓާއެކު ކުންފުނިތަކަށް ފައިސާ ދެއްކުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބަޖެޓު ސްޕޭސް ލިބިގެންދިއުމާއި ހިންގާފައި ހުރި ޕްރޮޖެކްޓުތަކަށް ފައިސާ ދޫކުރުމަށް ބަޖެޓު ދިނުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބުރާސްފަތި ދުވަހު ނިންމާފައެވެ. މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާއެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.