ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 19:01
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މިހާރު
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި
 
ރިސެސްއަށް ނުދާން ނިންމީ ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން

ކްރިމިނަލް ކޯޓުގެ ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މިއަހަރު ރިސެސްއަށް ނުދާން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާންމު ގޮތެއްގައި އަހަރުގެ މެދުތެރެއިން އަދި ޑިސެމްބަރު މަހު ރިސެސްއަށް ދާކަމަށާއި، ނަމަވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މިއަހަރު ރިސެސްއަށް ނުދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ އެ ކޯޓުގެ ގާޒީންގެ ޓީމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތައް ނުނިމި ހުރުމުން މިއަހަރުގެ މެދެތެރޭގައި ވެސް އެ ކޯޓުން ރިސެސްއަށް ގޮސްފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުން ބުނީ އަދިވެސް އެ މައްސަލަތައް އެގޮތުގައި ހުރުމުން ޑިސެމްބަރު މަހު ވެސް ރިސެސްއަށް ދެވެން ނެތް ކަމަށެވެ.

އިމާރާތުގެ ދަތިކަމުގެ ސަބަބުން ތާވަލު ކުރާ އަޑުއެހުންތަކުގެ އަދަދު 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކޯޓުން ބުނީ އެ ކޯޓަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ 70 އިންސައްތައަށް ވުރެ ގިނަ މައްސަލަ ހުށަހަޅާ ކޯޓު ކަމަށެވެ. އަދި އެ ކޯޓުގައި މިވަގުތު 11 ގާޒީން ތިއްބެވިއިރު ކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ކުރުން ހުއްޓާލުމަށް ޖޭއެސްސީން އެންގުމާ ގުޅިގެން ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޝަރީއަތް ކުރާ ފަސް މާލަމެވެ. މި ފަސް މާލަމުގެ ތެރެއިން އެއް މާލަން ކޮންމެ ދުވަހަކުވެސް ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ހާއްސަ ކުރެވޭ ކަމަށާއި ބާކީ ހުރި ހަތަރު މާލަން، ގާޒީންގެ މެދުގައި ހަމަހަމަކޮށް ބަހާލައިގެން އަޑުއެހުންތައް ޝެޑިއުލް ކުރާ ކަަމަށް ވެސް އެ ކޯޓުން ބުންޏެވެ.

އިމާރާތުގެ ދަތިކަމުގެ ސަބަބުން އަޑުއެހުންތަކުގެ އަދަދު 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ބުނީ މުވައްޒަފުންނާއި ގާޒީން މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ. މި ކަމުގެ ސަބަބުން ޝަރީއަތްތަކަށް ބުރޫއެރިނަމަވެސް ބަންދާމެދު ގޮތެއް ނިންމުމާއި އެހެން ކޯޓު އަމުރުތައް ނެރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދާކަން ވެސް ކޯޓުން ފާހަގަކުރިއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ ކަންކަން ޑީޖޭއޭގެ ބެލުމުގެ ދަށުން ކުރިއަށްގެންދާއިރު އެތަނަށް ބަދަލުވެވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް އެ ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރި ތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް