ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 16:35
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަނީ
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަނީ
ދައުރު
ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު
ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 46 ގައުމެއްގެ މަންދޫބުން، ރައީސަކަށް ވަޑައިގަންނަވާނީ ލަންކާގެ ރައީސް
 
ނައިބު ރައީސެއްގެ ހައިސިއްޔަތުން، ސީޝެލްސްގެ ނައިބު ރައީސް، އަހުމަދު އަފީފުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ 46 ގައުމަކުން މަންދޫބުން ވަޑައިގަންނަވާއިރު، ގައުމެއްގެ ރައީސެއްގެ ހައިސިއްޔަތުން ވަޑައިގަންނަވާނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އޮންނަ މި ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ ގިނަ ގައުމުތަކަށް، އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ވަނީ ދައުވަތު ފޮނުއްވާފައެވެ.

އެގޮތުން އެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ ބޭރުގެ މަންދޫބުންގެ މައުލޫމާތު ދެއްވަމުން، މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގައުމެއްގެ ރައީސެއްގެ ހައިސިއްޔަތުން ވަޑައިގަންނަވާ ބޭފުޅަކީ ލަންކާގެ ރައީސް ކަމަށެވެ.

އެގޮތުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައީސުންގެ އިތުރުން، ނައިބު ރައީސެއްގެ ހައިސިއްޔަތުން ސީޝެލްސްގެ ނައިބު ރައީސް، އަހުމަދު އަފީފުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. އެގޮތުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ސީޝެލްސްގެ ނައިބު ރައީސް ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ރާއްޖެއަށް ވަޑައިގެންފައެވެ.

މީގެ އިތުރުން، ޗައިނާގެ ފަރާތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އެގައުމުގެ ސްޓޭޓް ކައުންސިލަރު ޝެން ޔިކްސިން ބައިވެެރިވެވަޑައިގަންނަވާއިރު، ސައޫދީ އަރަބިއްޔާ، ޖަޕާން، ކޮރެއާ އަދި ތުރުކީގެ ޚާއްސަ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި އިންޑިޔާގެ މިނިސްޓަރަކުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް