ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 05:44
އުރުގުއޭގެ ލުއިސް ސުއަރޭޒް
އުރުގުއޭގެ ލުއިސް ސުއަރޭޒް
ރޮއިޓާސް
އުރުގުއޭ ޤައުމީ ޓީމު
ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް ސުއަރޭޒްް ޤައުމީ ޓީމަށް
ސުއަރޭޒް އަށް ޤައުމީ ސްކޮޑުން ޖާގަ ދިނުމަށް ކޯޗު މާސެލޯ ބިއެލްސާ ނިންމުމާއެކު، އޭނާ ވަނީ ޤައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފައި

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއޭ އިން އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި، ލުއިސް ސުއަރޭޒް ހިމަނައިފި އެވެ.

މިއީ، މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަަށްފަހު ސުއަރޭޒް އަށް ޤައުމީ ޓީމުން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އަށް ޤައުމީ ސްކޮޑުން ޖާގަ ދިނުމަށް ކޯޗު މާސެލޯ ބިއެލްސާ ނިންމުމާއެކު، އޭނާ ވަނީ ޤައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފަ އެވެ. އުރުގުއޭގެ ޤައުމީ ޓީމާ ސުއަރޭޒް ގުޅުމުން، ކުޅުންތެރިން ވަނީ އޭނާ އަށް ހޫނު މަރުޙަބާއެއް ވެސް ކިޔައިފަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއޭ އިން ހުކުރު ދުވަހު އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ ހަފްތާގެ ބުދަ ދުވަހު ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ވެސް ސުއަރޭޒް ހިމެނެ އެވެ.

ސުއަރޭޒް އަށް އުރުގުއޭ ޤައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 137 މެޗު ކުޅެދީ، 68 ލަނޑު ޖަހައިފަ އެވެ. ސުއަރޭޒް އަކީ އުރުގުއޭ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާގެ ފަހަތުން ދެ ވަނައިގައި އޮތީ އުރުގުއޭ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އެޑިންސަން ކަވާނީ އެވެ. ސުއަރޭޒް ވަނީ އުރުގުއޭ އާއެކު 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް