ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 20:24
ވެސްޓް ބޭންކުގައި އިސްރާއީލް ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ
ވެސްޓް ބޭންކުގައި އިސްރާއީލް ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ
ރޮއިޓާސް
އިސްރާއީލުން ފަލަސްތީން ރައްޔިތުން ހައްޔަރުކުރުން
39 ދުވަހުގެ ތެރޭގައި، ވެސްޓް ބޭންކުން 2،000ށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
އިސްރާއީލް ސިފައިން ހައްޔަރުކުރާ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ
މިހާތަނަށް އައިއިރު ހައްޔަރުކުރި މީހުންގެ އަދަދު 2،570އަށް އަރާ
ކޮންމެ ދުވަހަކު އިސްރާއީލް ސިފައިން، ވެސްޓް ބޭންކު ސަރަހައްދުގައި ސާޅީހަކަށް ރެއިޑް ޖަހާ

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުން، ފަލަސްތީނުގެ ވެސްޓް ބޭންކުން 2،000ށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާކަމަށް، ދަ ކޮމިޝަން އޮފް ޑިޓެއިނީސް އެފެއަރޒް އެންޑް ދަ ޕަލެސްޓީނިއަން ޕްރިޒަނަރސް ސޮސައިޓީން ބުނެފިއެވެ.

އެޖަމިއްޔާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވާގޮތުން، ރޭގައި އެކަނިވެސް ވެސްޓް ބޭންކުން ފަލަސްތީނުގެ 31 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ހެބްރޮން، ޖެރޫސަލަމް، ރާމަﷲ، ގަލްގިލާ، ޖެނީންގެ އިތުރުން ބައިތުއްލަހްމުން އިސްރާއީލް ސިފައިން ދަނީ މީހުން ހައްޔަރުކުރަމުން ކަމަށް އެޖަމިއްޔާއިން ވަނީ މައުލޫމާތުދީފައެވެ.

ކޮންމެ ދުވަހަކު، އިސްރާއީލު ސިފައިން ސާޅީހަކަށް ރެއިޑް، ވެސްޓް ބޭންކު ސަރަހައްދުގައި ޖައްސާކަމަށާއި، މިހާތަނަށް އައިއިރު ހައްޔަރުކުރި މީހުންގެ އަދަދު 2،570އަށް އަރާކަމަށްވެސް ވަނީ ބުނެފައެވެ.

އިސްރާއީލް ސިފައިން ދަނީ، ކުރިން އެންގުމަކާނުލައި ފަލަސްތީން ރައްޔިތުންގެ ގެތަކަށް ވަދެ މީހުން ހައްޔަރުކުރަމުންނެވެ. އަދި އެމީހުން ހައްޔަރުކުރުމަށްފަހު، ބަންދުކޮށް، އަނިޔާކޮށް ބިރުދައްކާ ކަމަށް ފަލަސްތީންގެ ރައްޔިތުން ދަނީ ބުނަމުންނެވެ. މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ.

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ވެސްޓް ބޭންކުގައި އިސްރާއީލް ސިފައިންގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް