ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 04:03
އަލް އިއްތިހާދުގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ ޒިދާން، މޮރީނިއޯ އަދި ލޮޕެޓެގީ - ފޮޓޯ އެޑިޓް / ރާއްޖެ އެމްވީ
އަލް އިއްތިހާދުގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ ޒިދާން، މޮރީނިއޯ އަދި ލޮޕެޓެގީ - ފޮޓޯ އެޑިޓް / ރާއްޖެ އެމްވީ
ރޮއިޓާރސް
އަލް އިއްތިހާދު
އަލް އިއްތިހާދުގެ ލިސްޓުގައި ޒިދާން، މޮރީނިއޯ އަދި ލޮޕެޓެގީ
އިއްތިހާދުގެ ކޯޗުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ ވަކި ކުރުމުން

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ފްރާންސްގެ ޒަޔާނުއްދީން ޒިދާން، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ އަދި ސްޕެއިންގެ ހޫލިއަން ލޮޕެޓެގީ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަލް އިއްތިހާދުގެ ކޯޗުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ ވަކި ކުރުމުންނެވެ. އެ މަގާމުން އޭނާ ވަކި ކުރަން އަލް އިއްތިހާދުން ނިންމީ، މި ސީޒަންގެ ސައުދީ ލީގުގައި އެ ޓީމަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އެވެ. ސަންޓޯ މަގާމުން ވަކި ކުރުމަށްފަހު އަލް އިއްތިހާދުން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަލް އިއްތިހާދުން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އޮތީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން، ރޯމާގެ މިހާރުގެ ކޯޗު މޮރީނިއޯ އަދި ސެވިއްޔާގެ ކުރީގެ ކޯޗު ލޮޕެޓެގީ އެވެ. މީގެ ތެރެއިން އެ ޓީމުގެ ކޯޗުކަމާ ހަވާލުވުން ގާތީ، ލޮޕެޓެގީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ، މިވަގުތު ސައުދީ ލީގުގެ ކުލަބަކާ ހަވާލުވާން ޒިދާން ބޭނުންނުވާތީ އެވެ. ދާދި ފަހުން ޒިދާން އަށް ވަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗުކަމާ ހަވާލުވާން ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެ ހުށަހެޅުން ޒިދާން ޤަބޫލު ނުކުރީ، ޤައުމީ ޓީމަށް އިރުޝާދު ދިނުމަށް އޭނާގެ ޝައުޤުވެރިކަން ހުރުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، މީގެ ކުރިން ވެސް މޮރީނިއޯ ވަނީ ސައުދީ ލީގުން ލިބުނު ހުށަހެޅުން ޤަބޫލު ނުކުރަން ނިންމައިފަ އެވެ. އެހެންކަމުން، މިވަގުތު އެ ޓީމާ ހަވާލުވުން އެންމެ ގާތީ ލޮޕެޓެގީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ލޮޕެޓެގީ އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްގެ ކޯޗުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ ވަކިވީ މިއަހަރުގެ އޯގަސްޓު މަހު އެވެ. އެއަށްފަހު ލޮޕެޓެގީ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. މިވަގުތު އަލް އިއްތިހާދުން އޭނާ އާއެކު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް