ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 11:27
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ޓްވިޓަރ
ޕޮންޒީ ސްކީމްގެ މައްސަލަ
ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
އަލްހާން ފަހުމީގެ އިތުރުން ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީއަށް ދައުވާކޮށްދޭން އެދިފައިވޭ
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުންގެ ފަރާތުން އެދިފައިވޭ

ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީ އަދި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުންގެ ފަރާތުން އެދިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ބުނެފައިވަނީ، ދިވެހި ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާކަން ވެސް އޭރު ފުލުހުން ހާމަކޮށްފައިވެއެވެ.

އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްތަކާއި، ސްކީމްތަކުގައި އިންވެސްޓު ކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީ ކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރު ކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށާއި އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

- ކޮމެންޓް